އިންސާނާގެ ބޮލުން ދުވާލެއްގެ މައްޗަށް 60-150 ދެމެދުގެ އަދަދަކަށް އިސްތަށި ފައިބަ އެވެ. އެހެންނަމަވެސް އެއީ ހާސްވެ ކަންބޮޑުވާން ވީ ވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ އެ އަދަދަށް އިސްތަށި ފޭބުމަކީ "ނޯމަލް" ކަމަކަށް ވާތީ އެވެ.

މަތީގައި ބަޔާންކުރެވުނު އަދަދަށް ވުރެ އިތުރަށް އިސްތަށި ފައިބާނަމަ، އެއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެކެވެ. އިސްތަށި ފައިބަން މެދުވެރިވަނީވެސް ދިރިއުޅުން ބައްޓަން ވެފައި ހުންނަ ގޮތަކުންނެވެ. ނުވަތަ ގެންގުޅޭ އާދަކާދައިގެ ސަބަބުންނެވެ.

ސްޓްރެސްވުން

ކަންކަމާ މާ ބޮޑަށް ހާސްވެ ކަންބޮޑުވާ ނަމަ ބޮލުން އިސްތަށި ފޭބުމަށް މެދުވެރިވެ އެވެ. އެހެންކަމުން އެފަދަ މައްސަލަތައް ދިމާވެފައިވާ ފަރާތްތަކުން ސްޓްރެސް ތަކާ ދުރުވާން ޖެހެ އެވެ.

ވިޓަމިން މަދުވުން

އިސްތަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ނުލިބޭނަމަވެސް އިސްތަށި ފޭބުމަށް މެދުވެރިވެ އެވެ. އަދި އިސްތަށިތަކުގެ ދުޅަހެޔޮކަން ގެއްލި އިސްތަށި ފޭބުމަށް މެދުވެރިވެ އެވެ.

ސާފުތާހިރުކަން ކުޑަވުން

އިސްތަށިގަނޑުގެ ސާފުތާހިރުކަން ގެއްލިއްޖެ ނަމަވެސް އިސްތަށި ފޭބުމަށް މެދުވެރިވެ އެވެ. އެހެންކަމުން ރަނގަޅު ޝޭމްޕޫއެއް ބޭނުންކޮށްގެން ގަވާއިދުން އިސްތަށިގަނޑު ދޮންނަން އާދަ ކުރާށެވެ. އަދި ސާފުތާހިރު ކަމާއެކު ގެންގުޅެން އާދަ ކުރާށެވެ.

އިންފެކްޝަން

ބޮލުގައި އުފެދޭ އިންފެކްޝަނެއްގެ ސަބަބުން ވެސް އިސްތަށި ފޭބުމަށް މެދުވެރިވެ އެވެ. އިންފެކްޝަންތަކުން ވެސް ސަލާމަތްވުމަށް ސާފުތާހިރު ވުމަށް އިސްކަން ދޭށެވެ.

އިސްތަށިގަނޑުގައި ކުލަ ޖެއްސުން

އިސްތަށިގަނޑު ފަންކޮށް، ކުލަ ޖައްސާ ބްލީޗު ކުރުމަކީ ވަރަށް ގިނަ މީހުންގެ އާދަ އެކެވެ. އެކަމުގެ ސަބަބުން އިސްތަށިގަނޑު ދިގުވުމަށް ހުރަސް ނޭޅުނު ނަމަވެސް، އިސްތަށިތަކުގެ ދުޅަހެޔޮކަން ގެއްލެ އެވެ. އެގޮތުން އެ އަމަލުތަކުގެ ސަބަބުން އިސްތަށިގަނޑުގެ ޕްރޮޓީން ސްޓްރަކްޗާ ހަލާކުކޮށްލަ އެވެ. އަދި އިސްތަށި ފޭބުމަށް މެދުވެރިވެ އެވެ.