މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކުން ދެ މީހަކު ހަނިގޮތަކަށް ސަލާމަތްވެއްޖެ އެވެ.

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ދަނގަޑު ހޮޅިއެއް ދުއްވާފައި ދިޔަ ވެހިކަލަކަށް ހެރިގެން ހިނގި މި އެކްސިޑެންޓުގައި ސަލާމަތްވީ ބަންގްލަދޭޝްގެ ދެ މީހުންނެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ މާލޭގެ އަސުރުމާ ގޯޅީގައި ހަދަމުން އަންނަ 10 ބުރީގެ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓިގެންނެވެ.

އެ އިމާރާތުން ދަނގަޑު ހޮޅިތައް ވެއްޓުނީ، އިމާރާތުގެ މަސައްކަތް ކުރުމަށް ހޮޅިތަކެއް އަރުވަން އުޅުމުގެ ތެރޭގަ އެވެ.

ސޯޝަލް މީޑިއާގައި މި އެކްސިޑެންޓުގެ ވީޑިއޯތައް އާންމުވެފައިވެ އެވެ. އޭގެ ވީޑިއޯއެެއްގައި އިމާރާތުން ވެއްޓުނު ހޮޅި ވެހިކަލްގެ ވިންޑްސްކްރީނު ފޫ އަޅުވާލާފައި ވެހިކަލްގެ ޑްރައިވަރާ ދިމާއިން އެތެރެއަށް ހެރިފައިވާ މަންޒަރު ފެނެ އެވެ.

އެހެންނަމަވެސް މިއަދު ހިނގި މި ނުރައްކާތެރި އެކްސިޑެންޓުން އެ ދެމީހުން ވެސް ވަނީ ސަލާމަތްވެފަ އެވެ. އަދި އެދެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.