ފެނާއި މާމުއަކީ އަހަރުމެންގެ ހަށިގަނޑަށް ކިހާ މުހިއްމު އެއްޗެއްކަން އެންމެންނަށް ވެސް އެނގެ އެވެ. އެހެން ކަމަށް ވީއިރު މި ދެބާވަތް އެކުވުމުން ލިބޭނެ ފައިދާތައް މާ ގިނަ އެވެ.

ހަށިގަނޑުން އުފައްދާ ވައި މަދުކޮށްދޭ

ކާބޯތަކެތި ހަޖަމު ކުރުމުން އެތަކެތި ހަށިގަނޑުން ބޭރުވާ އެއް ގޮތަކީ ގޭހެވެ. ހަށިގަނޑުން ވައި ބޭރު ކުރެ އެވެ. ނަމަވެސް އަބަދާއި އަބަދު ވައި ބޭރު ކުރެވުމަކީ މައްސަލައެކެވެ. މިކަން ދިމާވާ ނަމަ، ކޮންމެ ދުވަހަކުވެސް މާމުއި ފެން ތައްޓެއް ބޯލުމުން ރަނގަޅުވާނެ އެވެ. ތާފަނާ ފެނުގައި މާމުއި އެއްކޮށްގެން ބުއިމުން، ހަށިގަނޑުން އުފައްދާ ގޭސް ނިއުޓްރަލައިޒް ކޮށްދެ އެވެ.

ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދޭ

މާމުއިގައި، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ އެތަކެއް މާއްދާއެއް ހިމެނެ އެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމަށް މާމުއިގެ ފުރިހަމަ ފައިދާ ބޭނުން ނަމަ، 100 އިންސައްތަ ޤުދުރަތީ މާމުއި ބާޒާރުން ހޯދާށެވެ. ޤުދުރަތީ މާމުއިގައި އެންޒައިމްއާއި، ވިޓަމިނާއި މިނަރަލް ގިނަ އަދަދަކަށް ހުންނަ އިރު، މިއީ ޖަރާސީމު މަރާލުމަށް އެންމެ ރަނގަޅު އެއް ގޮތެވެ.

ހަށިގަނޑުން ވިހަ މާއްދާތައް ބޭރު ކޮށްދޭ

ތާފަނާ ފެނުގައި މާމުއި އެއްކުރުމަށް ފަހު އެ ބުއިމުން، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުވެ ދެ އެވެ. ހަށިގަނޑު "ޑީޓޮކްސިފައި" ކޮށްދެ އެވެ.

ހަންގަނޑު ސާފު ކޮށްދޭ

މާމުޔަކީ ޤުދުރަތީ އެންޓި އޮކްސިޑަންޓެކެވެ. މާނައީ، އޭގައި ހުންނަ އެންޓިބެކްޓީރިއަލް މާއްދާގެ ސަބަބުން ހަށިގަނޑުގައި ހުރި ނަޖިސް މާއްދާތައް ބޭރު ކޮށްދެ އެވެ. އެހެންކަމުން ހަށިގަނޑުގެ ބޭރުގައިވާ ހަންގަނޑު ރީތިވެ، ދޮންވެ، ސާފު ވެ އެވެ.

ބަރުދަން ލުއިކޮށްދޭ

މާމުއިގައި ހަކުރާއި ފޮނިކަން ހުރި ނަމަވެސް އެއީ ޤުދުރަތީ ހަކުރެވެ. ހަކުރު އަޅައިގެން ހަދާފައި ހުންނަ ފޮނި ކާތަކެތި ކާ ހިތްވާ ނަމަ، މާމުއި ބޭނުންކުރުމުން ފުދޭނެ އެވެ. ހަކުރު އަޅައިގެން ހަދާފައި ހުންނަ ބުއިންތަކުގެ ބަދަލުގައި މާމުއި ފެން ވެސް ބޭނުންކުރެވިދާނެ އެވެ. ހަކުރުގެ ބަދަލުގައި މާމުއި ބޭނުންކުރާ ނަމަ، ހަށިގަނޑަށް އެތެރެވާ ކެލޮރީ ވެސް 64 އިންސައްތަ މަދުވާނެ އެވެ.