މިއީ ހެދިފައިވާ ފުން ޒަޚަމްތައް ރަނގަޅުކުރަންވީ ވަގުތު ކަމަށާއި އެމެރިކާގެ ހުރިހާ ރައްޔިތުން އެއްބަޔަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް އާ ރައީސް ޖޯ ބައިޑެން މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ބައިޑެންގެ އުފަން ސިޓީ ޑެލްވެއާގައި ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ބައިޑެން ވިދާޅުވީ އިންތިހާބުގެ ކެމްޕޭން ނިމުނީ ކަމަށެވެ. އަދި މިއީ ރުޅިވެރިކަމާއި ނަފުރަތާ އެއްކައިރިކޮށް، ގައުމެއްގެ ގޮތުގައި އެންމެން އަތުގުޅާލަންވީ ވަގުތު ކަމަށެވެ.

"އަޅުގަނޑަކީ ފަޚުރުވެރި ޑިމޮކްރޭޓެއް. އެކަމަކު އަހަރެން ވެރިކަން ކުރާނީ އެމެރިކާގެ ރައީސްގެ ގޮތުގައި. އަހަރެން މަސައްކަތްކުރާން އަޅުގަނޑަށް ވޯޓު ނުދޭ މީހުންނާއި ވޯޓުން ދިން މީހުންނަށް ވެސް،" ވަޒަން ނާރާ ބިއްލޫރި ފާރެއްގެ ނިވަލުގައި ހުންނަވައި ވާހަކަދައްކަވަމުން ބައިޑެން ވިދާޅުވި އެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ބައިޑެން ވިދާޅުވީ އެއް ގައުމެއްގެ ގޮތުގައި ދެމި އޮންނަން މަސައްކަތްކުރަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އެކުވެރި، ވަރުގަދަ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

އަޅުގަނޑުމެން އެއްބައެއްގެ ގޮތުގައި ކުރިޔަށް ދާން ބޭނުން ނަމަ އަޅުގަނޑުމެންގެ ވާދަވެރިންނަކީ ދުޝްމަނުންކަމުގައި ދެކިގެން ނުވާނެ. އެއީ އަޅުގަނޑުމެންގެ ދުޝަމަނުންނެއް ނޫން. އެއީ އެމެރިކާގެ ރައްޔިތުން
ބައިޑެން

"އަޅުގަނޑަށް އެނގޭ މިރެއަކީ ޓްރަމްޕަށް ވޯޓު ދިން މީހުން މާޔޫސްވާނެ ރެއެއްކަން. އެކަމަކު އެންމެނަށް އެއްވަރަކަށް ފުރުސަތު ދޭން ޖެހޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑުމެން އެއްބައެއްގެ ގޮތުގައި ކުރިޔަށް ދާން ބޭނުން ނަމަ އަޅުގަނޑުމެންގެ ވާދަވެރިންނަކީ ދުޝްމަނުންކަމުގައި ދެކިގެން ނުވާނެ. އެއީ އަޅުގަނޑުމެންގެ ދުޝަމަނުންނެއް ނޫން. އެއީ އެމެރިކާގެ ރައްޔިތުން."

ބައިޑެން ވިދާޅުވީ އެމެރިކާގައި ނުލާއި ރަތުގެ ސްޓޭޓްތަކެއް ނޯންނާނެ ކަމަށެވެ. އަދި މިއީ ޔުނައިޓެޑް ސްޓޭޓްސް އެމެރިކާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބައިޑެން ވިދާޅުވީ ކޮވިޑާ ދެކޮޅަށް މަސައްކަތްކުރާނެ 12 މީހުން ހިމެނޭ ޓާސްކް ފޯހެއް މާދަމާ އިއުލާންކުރައްވާނެ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވިއިރު އެމެރިކާގެ ރައީސް ޓްރަމްޕްގެ ނަން އެއްވެސް ވަރަކަށް ނުގެންނަވަ އެވެ. އަދި ނަތީޖާ ގަބޫލުނުކުރައްވައި ޓްރަމްޕް ދައްކަވާ ވާހަކަތަކަށް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

ބައިޑެންގެ ވާހަކަފުޅު ނިންމަވާލެއްވުމާއެކު ބަޑިބޭހާއި ލޭޒާ ލައިޓްގެ ޝޯއެއް ވެސް އޮތެވެ.