ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ފްލެޓާއި ގޯތި ހޯދައިދޭނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން 25 މިލިއަނަށްވުރެ ގިނަ ރުފިޔާ އޮޅުވާލައިގެން ހޯދި ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔާސީންގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ނުކުރާކަން ހާމަވެއްޖެ އެވެ.

ޔާސީންގެ މައްޗަށް ތުހުމަތުކުރެވެނީ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާއި، ފަނޑިޔާރުންނާއި، އަދި އާންމުންގެ އަތުން ފްލެޓާއި ގޯތި ޔަޤީންކޮށްދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށެވެ. އެގޮތުން ފްލެޓް ދޭނެކަމަށް ބުނެ ކޮންމެ މީހެއްގެ އަތުން ދެލައްކައާއި ހަތަރު ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ހޯދާފައިވާއިރު، ގޯތި ދޭނެކަމަށް ބުނެ ބައެއް މީހުންގެ އަތުން ތިން މިލިއަން ރުފިޔާއަށްވުރެ ގިނައިން ފައިސާ ނަގާފައިވާކަމަށް މައުލޫމާތު ލިބެ އެވެ. މި އޮޅުވާލުންތަކުގެ ތެރެއިން އޭނާ ހޯދާފައިވާ ފައިސާގެ ޖުމްލަ އަދަދު 25 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް އަންދާޒާކުރެވެ އެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް އިތުރުވެފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ޔާސީން އޭނާ ހުރި މަގާމުން ވަކިކުރައްވާފަ އެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، ޔާސީން މަގާމުން ވަކިކުރެއްވީ ކޮރަޕްޝަނަށް ސަރުކާރުން ޖާގަ ނުދެއްވާނެތީކަމަށެވެ. އެހެންނަމަވެސް، އޭނާގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެއްވެސް އިދާރާއަކަށް ރައީސް އަންގަވާފައިނުވެ އެވެ. އެހެންވެ، މިއީ ފޮރުވިފައިވާ އެހެން ކަންތައްތަކެއް އެކުލެވޭ މައްސަލައެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ޔާސީންގެ މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުންނަށް އަދި އަންގާފައިނުވާކަމަށެވެ. އަދި ފިޝަރީޒް މިނިސްޓްރީންވެސް އަދި އެހެން އެއްވެސް އިދާރާއަކުންވެސް އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިނުވާކަމަށް އޮފިޝަލް ކަށަވަރުކޮށްދެއްވި އެވެ. ބޮޑު އަދަދެއްގެ ފައިސާ ހިމެނޭ މިފަދަ ސީރިއަސް މައްސަލައެއް ތަހުގީގުކުރަން ފަށާފައިނުވުމުން، ދައުލަތުގެ މުއައްސަސާތަކުން މިކަމުގައި އަމަލުކުރަމުންދާ ގޮތާމެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ.