މިހާރަކަށް އައިސް ދިވެހިންގެ މެދުގައި ވަރަށް އާއްމު އާދަ އެކެވެ. ހެނދުނު ހޭލާ ގޮތަށް ހައި ބަނޑާ ހުރެ ބޯލަނީ ލުނބޯ ފެން ތަށްޓެކެވެ. އެކި މީހުން މިކަން ކުރަނީ އެކި ބޭނުންތަކުގަ އެވެ.
ހޫނު ފެނާ ލުނބޯ އެއްކޮށްލުމުން ލިބޭ އެންމެ ބޮޑު ފައިދާ އަކީ ހަޖަމުކުރުމުގެ ނިޒާމަށް ކުރާ އަސަރެވެ. ފާހާނާއަށް ދާން އުނދަގޫނަމަ ހެނދުނު ހެނދުނާ ކުރަން މިއީ ރަނގަޅު ކަމެކެވެ. ގަވާއިދުން މި ބުއިން ބޯނަމަ ބަނޑުގައި ހުންނަ އެސިޑްކަން ފިލުވައިދީ، ޔޫރިކް އެސިޑްތައް ބޭރުކުރުމަށް އެހީވެ އެވެ.
ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ވެސް މިއީ ފަސޭހައިން ފާހާނާ ކުރުމަށް އަދި ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުކުރުމަށް ބޭނުންކުރާ އިތުބާރު ހުރި އެއްޗެކެވެ.މީގެ އިތުރުން ވެސް ހޫނު ފެނަށް ލުނބޯ އަޅައިގެން ބުއިމަކީ ސިއްހަތަށް ގިނަގުނަ ފައިދާ ލިބޭ ކަމެކެވެ. މިގޮތުން، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ސީ ހޯދައިދިނުމަށް ވެސް މި ބުއިން ބޭނުންކުރެވިދާނެ އެވެ.
ހުތް މޭވާތަކަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ އެއްޗިއްސަށް ވުމުން، ކެއުމުގައި ކޮންމެހެން ހިމެނުމުގައި ބަދަލުގައި މިގޮތަށް ބޭނުންކުރުމުން ވެސް ފަސޭހައިން އެ މިންވަރު ހާސިލް ވާނެ އެވެ. އަދި ހަމައެޔާއެކު، ވިޓަމިން ސީއަކީ ހިތުގެ ބަލިތަކުން މީހާ ދިފާއުކޮށްދީ ސްޓްރޯކް ފަދަ ކަންކަމުން މީހާ ދުރުކޮށްދީ އަދި ލޭގެ ޕްރެޝަރު ދަށްކޮށްދޭ އެއްޗެކެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ ޓްރަސްޓެޑް ސޯސް އިން ބުނާގޮތުގައި ލުނބޯ ހުތުގައި 18.6 މިލިގްރާމްގެ ވިޓަމިންސީ އެކުލެެވެ އެވެ. ދުވަހެއްގެ މައްޗަށް ބޮޑު މީހެއްގެ ހަށިގަނޑަށް ގާތްގަނޑަކަށް 65 އާއި 90 މިލިގްރާމްގެ މިންވަރަށް ވިޓަމިން ސީ ބޭނުންވެ އެވެ. ދިވެހިންގެ ތެރޭގައި ހޫނު ފެނާއި ލުނބޯހުތް މިހާ މަގްބޫލުވެގެން އުޅޭ އެންމެ ބޮޑު އެއް ސަބަބަކީ މިއީ ބަރުދަން ލުއި ކުރުމަށް އޮތް އެހީއެއް ކަމަށްވާތީ އެވެ.
މިފަހުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުން ލުނބޯގައި ހިމެނޭ ޕޮލީފެނޮލް އެންޓި އޮކްސިޑަންޓްސްގެ ސަބަބުން ބަރުދަން ލުއިކުރުމަށް އެހީވެ އެވެ. އަދި މި ދިރާސާގައި ބުނާގޮތުން ހަމަ މި މާއްދާގެ ސަބަބުން ބްލަޑް ގުލްކޯސް ގެ ނޭދެވޭ އަސަރު ދަށްކޮށްދީ އިންސުލިން ރެސިސްޓަންސްގެ މިންވަރު ރަނގަޅު ކޮށްދެ އެވެ. މިއީ ޓައިޕް 2 ޑައިބެޓީސް އިން ދިފާއުވުމުގައި އެންމެ މުހިންމު ދެކަމެވެ.
މި ދިރާސާތައް އަދި އިންސާނުން ބޭނުންކޮށްގެން ސާބިތުކުރުން ކުރިއަށް އޮތީ އެވެ. އެހެންނަމަވެސް މިއީ ބަރުދަން ލުއިކުރުމުގައި ބޮޑު އެހީއެއްކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.ކޮންމެއަކަސް ހަންގަނޑު އޮމާންކޮށް ޒުވާންކަން އިތުރުކޮށްދިނުމަށް ވެސް އެހީވެދޭ ހަށްޓަށް ލުއި އަދި ތައްޔާރުކުރަން ފަސޭހަ މި ބުއިމަކީ އަޖުމަ ބަލާ ނުލާ ދޫކޮށްލާ ވަރުގެ ބުއިމެއް ނޫންތާ އެވެ.