ކިއުކަމްބާ އަކީ އާދަޔާޚިލާފު ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާ އެކެވެ. ކިއުކަމްބާގެ ފައިދާތައް ލިސްޓްކޮށް ލިޔެލަން ވެއްޖެ ނަމަ ކިތަންމެ ބައިވަރެއް ވެސް ލިޔެވިދާނެ އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ކަންތައްތައް މި ލިޔުމުގައި ހިމަނާލާނަމެވެ.

ފެނުގެ މިންވަރު އިތުރުކޮށްދޭ

ދުވާލަކު މަދުވެގެން 08 ތަށި ފެންބުއިމުގެ އާދަ ގެންގުޅެން އުނދަގޫ ނަމަ، ހަށިގަނޑަށް ބޭނުންވާ ފެނުގެ މިންވަރު ހިފެހެއްޓުމަށްޓަކައި ކިއުކަމްބާ ބޭނުންކުރެވިދާނެ އެވެ. ކިއުކަމްބާ އަކީ އޭގައި 96 ޕަސެންޓަށް ފެން އެކުލެވޭ މޭވާ އެކެވެ. އެހެންކަމުން، ކިއުކަމްބާ ބޭނުންކުރާނަމަ، ހަށިގަނޑު ތާޒާކޮށްދީ ހަށިގަނޑުގެ ހޫނުކަން ކުޑަކޮށްދެ އެވެ. ގައިގެ ހަންގަނޑުގައި ކިއުކަމްބާގެ ދިޔަ އުގުޅުމުން އިރުގެ އަވިން ހަންގަނޑު އެނދުމުން އެ ނަގާ ދިލަކަން ކުޑަކޮށްދެ އެވެ.

ހަށަގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދޭ

ގިނައިން ފެންބުއިމަކީ ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ބޭރުކޮށްދޭ ކަމެކެވެ. ކިއުކަމްބާ އަކީ އޭގައި ގިނަ މިންވަރަކަށް ފެންއެކުލެވޭ މޭވާ އަކަށް ވީހިނދު، ކިއުކަމްބާ ބޭނުންކުރުމުން ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމުގައި އެހީތެރިވެދެ އެވެ. އާދަވެ ކިއުކަމްބާ ބޭނުންކުރާނަމަ، މަސާނާ (ބްލެޑަ) ގައި އުދެފޭ ހިލަތައް ނައްތައިލަ އެވެ.

ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިއްބައިދޭ

މިއީ މެގްނީޒިއަމް، ޕޮޓޭސިއަމް އަދި ސިލިކަން ގެ ނިސްބަތް މުއްސަނދި މޭވާއެކެވެ. މި ސަބަބަށްޓަކައި ސެލޫން ތަކުގައި ކިއުކަމްބާ ބޭނުންކޮށްގެން ދެވޭ ފަރުވާތައް ގިނަގުނަ އެވެ.

ބަރުދަން ލުއިކޮށްދިނުމުގައި އެހީތެރިވޭ

ގިނަ މީހުން ކިއުކަމްބާ ބޭނުންކުރަނީ ސެލެޑް ނުވަތަ ސޫޕް ތައްޔާރުކޮށްގެންނެވެ. މިގޮތަށް ކިއުކަމްބާ ބޭނުންކުރިޔަސް ބަރުދަން ލުއިކޮށްދިނުމުގައި އެހީތެރިވެދޭނެ އެވެ. މީގެ އިތުރަށް ޔޯގަޓް ކްރީމް އާއެކުގައި ކްރިސްޕީ ކިއުކަމްބާ ސްޓިކްސް ތައްޔާރުކޮށްގެން ބޭނުންކުރެވިދާނެ އެވެ.

ލޮލުގެ ފެނުން ރަނގަޅުކޮށްދޭ

ލޯމަތީގައި ކިއުކަމްބާ ފޮއްޗެއް ބާއްވައިގެން އުޅޭތަން މިއީ އާއްމުކޮށް ފެންނަ މަންޒަރެކެވެ. މިކަމުގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދެ އެވެ. ލޮލުގެ ބޮނޑީގެ ދުޅަ ލުއިކޮށްދިނުމާއި ލޯ ކައިރީގައި އުފެދިފައި ހުންނަ ކަޅުކަން ފިލުވައިދެ އެވެ.

ކެންސަރު ދުރު ކޮށްދޭ

މިއީ ކެންސަރުގެ އެތަކެއް ބާވަތްތަކެއް ޖެހުމުން ދުރުކޮށްދޭ މޭވާ އެކެވެ. މި ސަބަބަށްޓަކައި ގިނަބަޔަކު އަންނަނީ އެމީހުންގެ ކެއުމުގައި ކިއުކަމްބާ ބޭނުންކުރަމުންނެވެ. އާއިލާގައި ކެންސަރު ބަލީގެ ތާރީޚެއް އޮންނަމަ، ގިނަގިނައިން ކިއުކަމްބާ ބޭނުންކުރުން އާދަޔަކަށް ހެދުން ބުއްދިވެރި އެވެ.

ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައިދޭ

މިކަމަކީ ސައިންސްގެ ޢިލްމުގައި އެއްކޮށް ޔަޤީން ކުރެވިފައިނެތް ކަމެއް ނަމަވެސް، ކިއުކަމްބާ ކެއުމުން އެއްވަރެއްގައި ޕްރެޝަރު ހިފަހައްޓައިދޭކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. ލޭގެ ޕްރެޝަރު މައްސަލަ ހުންނަ އެތައް ބައެއް ބުނާގޮތުން ކިއުކަމްބާ ކެއުމަށްފަހު ލޭގެ ޕްރެޝަރު ހަމަޔަކަށް އެޅޭކަން ފާހަގަކުރެވިފައި ވެއެވެ.