ސައޫދީ އަރަބިއާއަށް ދާ ފަތުރުވެރިންނާއި ދަތުރުވެރިންނަށް އެއްވެސް އަގެއް ނުދީ ދުވަސްތައް ހޭދަ ކުރެވޭނެ ގެއެއް އެގައުމުގެ ރައްޔިތަކު ހިންގަމުން އެބަދެ އެވެ.

ސައޫދީ އަރަބިއާގެ ހުޅަނގު އުތުރުން އޮންނަ އަލް އުލާ ސަރަހައްދުގައި ހުންނަ މިގެ އާއްމުންނަށް ހުޅުވާލާފައިވަނީ ހާލިދު އަލް ހަރްބީ ނަމަކަށް ކިޔާ ސައޫދީ މީހެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާގެ ގެ ޑިޒައިން ކުރެވިފައިވަނީ މެހެމާނުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ދޮރެއް ވެސް ނުލަ އެވެ.

އަލް އުލާއަކީ ހުރުމުގެ ހަރަދުތައް ބޮޑު ހިސާބެކެވެ. އެވްރެޖް ގޮތެއްގައި އެހިސާބުގެ ހޮޓަލެއްގައި ރެއަކާ ދުވާލު ހުރުމަށް 1،000 ސައޫދީ ރިޔާލް ހޭދަވެ އެވެ.

ކީރިތި ރަސޫލާގެ ނަމޫނާ މިސާލަކަށް ބަލައިގެން ހަރްބީ އޭނާގެ މެހްމާނުންނަށްޓަކައި މި ގެ ހުޅުވީ މީގެ 15 އަހަރު ކުރިންނެވެ. އޭގެ ފަހުން އެތައް ހާސް ބަޔަކު ވަނީ ހަރްބީގެ މެހެމާންދާރީގައި ދުވަސްތައް ހޭދަ ކޮށްފަ އެވެ.

ހަރްބީ ބުނީ އިސްލާމް ދީން އުނގަންނައިދެނީ މެހެމާނުންނަށް ކަމޭހިތަން ކަމަށާއި އޭނާގެ ގެ އެކަމަށް ހާއްސަ ކުރީ އެ މަތިވެރި މަގްސަދުގައި ކަމަށެވެ.

ހަރްބީ ހިންގަމުން އަންނަ ގެއިން ލިބެން ހުންނަ ހުރިހާ ހިދުމަތަކީ ހިލޭ ބޭނުން ކުރެވޭނެ ހިދުމަތްތަކެއް ކަމުގެ ޔަގީންކަން އޭނާ ދެ އެވެ.