ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާއިރު ސިޔާސީ މީހުން ނުހިމެނޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލު ހުށަހަޅުއްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ތޯރިގެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެބިލަށް ބަހުސް ކުރަން ވަނީ އެޖެންޑާ ކޮށްފަ އެވެ.

ޖޭއެސްސީ އިސްލާހުކުރަން މީގެ ކުރިންވެސް ތޯރިގު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް 2020 އަހަރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު މަޖިލީހުން ބަލައިގެންފައެއް ނުވެ އެވެ. އޭގެ ފަހުން އޭނާ ބިލް ހުށައެޅީ ސެޕްޓެންބަރު 2، 2021 ގައެވެ.ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ޖޭއެސްސީ އެކުލެވިގެން ވަނީ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށެވެ. މިހާރު ޖޭއެސްސީގައި ހިމެނޭ މެންބަރުންނަކީ:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު
  • ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރަކު
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު
  • ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު
  • ބަންޑާރަނައިބު
  • ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

ޖޭއެސްސީގައި ސިޔާސީ މީހުން ނުހިމަނަން ހިމަނާ ހުށައަޅާފައިވާ ބިލް އެޖެންޑާ ކުރިއިރު ޖޭއެސްސީ އިސްލާހު ކުރުމާއެކު ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.