ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ޔޫކްރެއިންގައި ތިބި 50 އަށްވުރެ ގިނަ ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެކުދިން ތިބީ ޔޫކްރެއިންގެ ދެ ސަރަހައްދެއްގައި ކަމަށާއި އިތުރު ތަފްސީލްތައް ހާމަކުރަމުން ދާނެ ކަމަށެވެ.

ޔޫކްރެއިން އަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލްކުރަމުންދާ ގައުމެކެވެ. އެންމެ ގިނައިން ދިވެހިން ޔޫކްރޭންއަށް ގޮސް އުޅެނީ ޑޮކްޓަރުކަން ކިޔެވުމަށެވެ. ރަޝިއާއިން ޔޫކްރޭނަށް ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ލިބުމާ އެކީ އެހެން ގައުމުތަކުން ވަނީ ޔޫކްރޭންގައި ތިބި އެގައުމުތަކުގެ މީހުން އަނބުރާ ގައުމުތަކަށް ދިޔުމަށް އިލްތިމާސް ކޮށްފަ އެވެ. މި ދުވަސްވަރު ކޮންމެހެން މުހިއްމު ކަމެއްގައި ނޫނީ ޔޫކްރެންއަށް ދަތުރުނުކުރުމަށް ގައުމުތަކުގެ ރައްޔިތުންނަށް ދަނީ އިލްތިމާސްކުރަމުންނެވެ.

ޔޫކުރެއިންއަށް ރަޝިއާއިން ކޮންމެ ވަގުތެއްގައިވެސް ހަމަލާދޭވޭ ވަރަށް މިހާރު ރަޝިއާގެ ފައުޖުތައް ތައްޔާރު ވެފައިވާކަމަށް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ހާމަކުރަމުން ދާއިރު، ގިނަ ގައުމުތަކުން ދަނީ އެގައުމުތަކުގެ ޑިޕްލޮމެޓިކް މުވައްޒިފުންނާއި އަދި ރައްޔިތުންވެސް އެގައުމު ދޫކޮށް ދިއުމަށް އިލްތިމާސް ކުރަމުންނެވެ.