އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމަށް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.

މި ދެބޭފުޅުން މިމަގާމަށް ވާދަކުރައްވާއިރު އާޒިމްއަކީ މިހާތަނަށް އެ މަގާމު ފުރުއްވަމުންދިޔަ މެމްބަރު ވެސްމެ އެވެ.

ޕީޖީ ލީޑަރުގެ މަގާމަށް އަސްލަމް ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، އަސްލަމް އަންނަނީ މެމްބަރުންގެ ތާއީދު ހޯއްދެވުމަށް ވެސް މަސައްކަތް ކުރައްވަމުންނެވެ. އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވެސް އޭނާ ވަނީ ޕީޖީ ގްރޫޕްގެ ލީޑަރަކު ނެތި ގިނަ ދުވަސްތަކެއް ވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އަސްލަމް އާއި އާޒިމް އަކީ އެމްޑީޕީ ތެރޭގައި މިހާރު އުފެދިފައި އޮތް ދެ ފެކްޝަނުން ކުރިމަތިލާ ދެބޭފުޅުންނެވެ. އެގޮތުން އާޒިމްއަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވާދަކުރައްވާ ބޭފުޅަކަށްވާއިރު އަސްލަމް ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.

އަސްލަމް ވަނީ 2019ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ފެށުނުއިރު އެމްޑީޕީގެ ފަރާތުން މަޖިލިސް ރައީސްގެ ގޮނޑިއަށް ވެސް ވާދަކުރައްވާފަ އެވެ.

އޭނާ އާ ވާދަކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް އެންމެ ފަހު ވަގުތު އަސްލަމް އާއި އަފީފު ވެސް ވަނީ ނަން އަނބުރާ ގެންދަވާފަ އެވެ. އަދި އެމަގާމަށް ހޮވި ވަޑައިގަތީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

އަސްލަމް މިފަހަރު ޕީޖީ ލީޑަރުގެ މަގާމަށް ވާދަކުރައްވާއިރު، އައްޑޫގެ ގިނަ ބަޔަކު ބުނަމުން އަންނަނީ މިފަހަރު ވެސް އަސްލަމްއަށް ލިބޭނީ "ފެން ކައްކާ ބޮލީގެ އިއްޒަތް" ކަމަށެވެ.