އިންޑިއާ ސަރުކާރު ސިއްހީ ސާމާނުތަކެއް ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ހަދިޔާކޮށްފި އެވެ.

ބަންޑާރަކޮށީގައި މިއަދު މެންދުރު ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި މި އިކްއިޕްމަންޓްތަކާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ. އަދި، އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން މިއަދު ހަދިޔާކުރި 2800 ކިލޯ ގްރާމް ގެ މެޑިކަލް އިކްއިޕްމަންޓްގެ ތެރޭގައި ހިމެނެނީ، ސިއްހީ އިމަޖެންސީގައި ބޭނުންކުރާ ބައެއް އާލާތްތަކާއި، ހޮސްޕިޓަލުގައި ބޭނުންކުރާ ބައެއް އާލާތްތަކެވެ.

އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާ އަސްކަރިއްޔާގެ އިސް ވަފުދުގެ ބޭފުޅުންނާއި އަދި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.