ޔޫކްރޭނުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާތީ، ދިވެހިން އެ ގައުމަށް ދަތުރުނުކުރަން ފޮރިން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މި ދަނޑިވަޅުގައި، އެ ގައުމުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
"ޔޫކްރެއިންގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ގައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރަން. އަދި ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެ ގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރަން،" ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިން، އެ މިނިސްޓްރީ އާއި، އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަ ކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.
ޔޫކްރެއިންގައި 50 އަށްވުރެ ގިނަ ދިވެހި ދަރިވަރުން އުޅެމުން އެބަގެންދެ އެވެ. އަދި އެކުދިން ތިބީ ޔޫކްރެއިންގެ ދެ ސަރަހައްދެއްގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޔޫކްރެއިން އަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލްކުރާ ގައުމެކެވެ. އެންމެ ގިނައިން ދިވެހިން ޔޫކްރޭންއަށް ގޮސް އުޅެނީ ޑޮކްޓަރުކަން ކިޔެވުމަށެވެ.
ރަޝިއާއިން ޔޫކްރޭނަށް ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ލިބުމާ އެކީ އެހެން ގައުމުތަކުން ވަނީ ޔޫކްރޭންގައި ތިބި އެގައުމުތަކުގެ މީހުން އަނބުރާ ގައުމުތަކަށް ދިޔުމަށް އިލްތިމާސް ކޮށްފަ އެވެ. މި ދުވަސްވަރު ކޮންމެހެން މުހިއްމު ކަމެއްގައި ނޫނީ ޔޫކްރެންއަށް ދަތުރުނުކުރުމަށް ގައުމުތަކުގެ ރައްޔިތުންނަށް ދަނީ އިލްތިމާސްކުރަމުންނެވެ.
ޔޫކުރެއިންއަށް ރަޝިއާއިން ކޮންމެ ވަގުތެއްގައިވެސް ހަމަލާދޭވޭ ވަރަށް މިހާރު ރަޝިއާގެ ފައުޖުތައް ތައްޔާރު ވެފައިވާކަމަށް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ހާމަކުރަމުން ދާއިރު، ގިނަ ގައުމުތަކުން ދަނީ އެގައުމުތަކުގެ ޑިޕްލޮމެޓިކް މުވައްޒިފުންނާއި އަދި ރައްޔިތުންވެސް އެގައުމު ދޫކޮށް ދިއުމަށް އިލްތިމާސް ކުރަމުންނެވެ.