ޔޫކްރައިންގައި ތިބި ދަރިވަރުންގެ ރައްކާތެރިކަމަށް ގޮވައިލާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅި މައްސަލަ ބަލަިއ ނުގަނެ މަޖިލީޙުން ބޭރުކޮށްލައިފި އެވެ.

މޮސްޓާ ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ވޯޓް ދެއްވީ ހަތް މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލުމަށް 17 މެންބަރުން ވޯޓް ދެއްވި އެވެ.

މޮސްޓާ ހުށަހެޅި މައްސަލައިގައި ވަނީ ޔޫކްރައިނާއި ރަޝިޔާ އިންވާ ބޯޑަރު ސަރަހައްދަށް ރަޝިޔާގެ ސިފައިން ޖަމާކުރުމުގެ ސަބަބުން ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ޔޫކްރައިނަށް ރަޝިޔާއިން ވަރަށް އަވަހަށް އަސްކަރީ ހަމަލާއެއް ދީފާނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ޔޫކުރައިނަށް ރަޝިޔާއިން ހަމަލާއެއް ދިނުމާއެކު ހަނގުރާމަ ފެށިއްޖެ ހާލަތެއްގައި އެ ޤައުމުން ބޭރުވެ ރައްކާތެރި މަންޒިލަކަށް ދިއުން ދަތިވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޔޫކްރެއިނުގެ އެކި ޔުނިވާސިޓީތަކުގައި މިހާރު ވެސް 50 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު، އެ ދަރިވަރުން ހަނގުރާމައިގެ ހާލަތުގައި އެ ގައުމުން ނެރެ ސަލާމަތް މަންޒިލަކަށް ގެންދިއުމަކީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއް ކަމަށް ވާތީ، އެ ގައުމުގައި ތިބި ދަރިވަރުން ރައްކާތެރި މަންޒިލަކަށް ގެންދިއުމުގެ މަސައްކަތްކުރުމަށް ޚާރިޖީ ވަޒީރަށް މިމައްސަލާގައި ގޮވާލާފައިވެ އެވެ.

ޔޫކްރެއިންގެ މައްސަލައިގައި ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ ދިވެހި ކިޔަވާކުދިންގެ ކަންކަން ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. ނަމަވެސް އިއްޔެ ދިވެހި ކުދިންގެ ފަރާތުން ނެރުނު ބަޔާނުގައިވަނީ އެކުދިން ވަރަށްބޮޑު ހާސްކަމެއްގެ ތެރޭގައި ތިބި ކަމަށާއި މިނިސްޓްރީން އެހީތެރިކަން ލިބެމުން ނުދާ ކަމަށެވެ. އެ ދަރިވަރުންގެ ބެލެނިވެރިން އިއްޔެ ވަނީ ފޮރިން މިނިސްޓްރީއަށް ގޮސް އެތަނުގެ އިސްވެރިންނާ ވެސް ބައްދަލުކޮށްފަ އެވެ.