އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމަޔަށް ކޯޓުތަކުގެ ކޮންޓްރޯލް ބާއްވަން އެމްޑީޕީން ބޭނުންވާ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށް ޤާނޫނު އަސާސީ ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އޭނާ ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން މިއަދު ދެއްކެވި ވާހަކަފުޅުގައި ޓޮމް ވިދާޅުވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީޢަތް ހިނގަމުންދާހާ ދުވަހަކު ޖޭއެސްސީގައި ރައީސް ނަޝީދާއި އެމަނިކުފާނާ ގާތް ގުޅުމެއް އޮންނަ ލޯ ފާމުގެ ވަކީލުން ތިއްބަވަން ބޭނުންފުޅުވާތީ ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމުގެ ވާހަކަ ދައްކަވަން ވެސް އެެމްޑީޕީގެ މަޖިލިސް މެންބަރުން ބޭނުންފުޅުނުވާ ކަމަށެވެ.

އެމްޑީޕީގެ ގިނަ މެމްބަރުން އެ ބިލު ބަލައިގަތުމަށް ދެކޮޅު ހައްދަވަނީ ފަނޑިޔާރުގޭގެ ކޮންޓްރޯލް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ގޮވުމާ ހިސާބަށް ބާއްވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީގައި ތިބެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ގާތް ގުޅުމެއް އޮންނަ ލޯ ފާމެއްގެ ގާނޫނީ ވަކީލުން ގެންދަނީ ފަނޑިޔާރުންނަށް ބިރުދައްކައިގެން އެތައް މިލިއަން ރުފިޔާއެއް ނަގަމުން ކަމަށް ޓޮމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދާ ގާތް ގުޅުމެއް އޮންނަ ލޯފާމުގެ ވަކީލުން ޖޭއެސްސީގައި ތިއްބަވައިގެން ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދާ މަދަނީ މައްސަލަތަކުގައި ފަނޑިޔާރުންނަށް ބިރުދައްކައިގެން ނުގަވާޢިދުން އެތައް މިލިއަން ރުފިޔާއެއް ހޯދަމުން އަންނަ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގާކަން އެންމެނަށްވެސް އެނގޭ ކަމަށްވެސް ޓޮމް ވިދާޅުވި އެވެ.

"ފަނޑިޔާރުގޭގެ ކިތައް ފަނޑިޔާރުންނަށްތޯ ޖޭއެސްސީގައި ތިބި ލޯޔަރުން ބިރުދައްކަނީ އެ މީހުންގެ މަސްލަހަތު ހިމާޔަތްކުރަން؟،" މެމްބަރު ވިދާޅުވި ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން މިހާރު ދެކެވަޑައިގަންނަވާ ގޮތުގައި އެ ކޮމިޝަންގައި ސިޔާސީ މީހުންގެ ބާރު ކޮންމެވެސް މިންވަރަކަށް އޮންނަން ޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ދެކެވަޑައިގަންނަވަނީ އެގޮތަށެވެ.