އައްޑޫގައި ހަރަކާތްތެރިވާ ފުލުހުން ސްޕީޑް ގަން ބޭނުން ކުރަން ފަށައިފި އެވެ.

އައްޑޫގައި ފުލުހުން ރަސްމީކޮށް މި ހިދުމަތް ފަށާފައިވަނީ އިއްޔެ އެވެ.

އެ އަތޮޅުގެ ބޮޑު މަގުގައިވާ ސިޓީ ސެންޓްރަލް ސަރަހައްދުގައި ވީސީޕީ ޖަހައިގެން ފުލުހުން ވަނީ އެކަން ކުރިއަށްގެން ގޮސްފަ އެވެ.

ފުލުހުން ބުނިގޮތުގައި ސްޕީޑް ގަން ބޭނުން ކުރަން ފަށާފައިވަނީ އެއިދާރާގެ މަސައްކަތްތައް އިތުރަށް މޮނިޓާކޮށް ބެލެހެއްޓުމަށްޓަކަ އެވެ.

އައްޑޫގައި، އަމާންކަން ދެމެހެއްޓުމަށްޓަކައި އެ އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުން ދަަނީ އެއިދާރާގެ މަސައްކަތްތައް ވަރުގަދަކުރަމުންނެވެ. އެގޮތުން ފުލުހުން މިހާރު ވަނީ އައްޑޫގައި ޓްރެފިކް އޮޕަރޭޝަނެއް ވެސް ހިންގަން ފަށާފަ އެވެ.

ޓްރެފިކް އޮޕަރޭޝަނާ ގުޅިގެން މައުލޫމާތުދެމުން ފުލުހުން ބުނީ، މި އޮޕަރޭޝަނާއި އެކު މަގުގައި ބާރަށް އަދި ނުރައްކާތެރި އެކްސިޑެންޓް ހިނގާ ފަދަ ގޮތަކަށް އުޅަނދުތައް ދުއްވާ ފަރާތްތައް ފާހަގަކުރެވޭނެ ކަމަށެވެ. އަދި އެފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އެޅޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.