ބޮލީވުޑްގައި 90 ގެ އަހަރުތަކުގައި އެންމެ ވިދާލި ދެ ފަންނާނުންގެ ތެރޭގައި އަބީޝޭކް ބައްޗަން އާއި ކަރިޝްމާ ކަޕޫރް ހިމެނޭކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ. އަދި އެދެ މީހުންގެ ލޯބީގެ ޞަފްހާތަކުގެ ވާހަކަތަކަކީ އެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައެކެވެ.

މިގޮތުން ކަރިޝްމާ އާއި އަބީޝޭކް ކައިވެނިކުރުމަށް ބޭނުންވީ ބައްޗަން އާއިލާ އާއި ކަޕޫރް އާއިލާއިންނެވެ. އަދި ފިލްމު "ހާން ހަމްނޭބީ ޕްޔާރް ކިޔާހޭ" ގައި ދެފަންނާނުންވެސް އެކީގައި ލޯބީގެ ރޯލަކުން ފެނިފައިވާއިރު، އެދެމީހުން އެންމެ ބޮޑަށް ގަޔާވާން ފެށީ އެ ފިލްމުގެ ޝޫޓިންގެ ތެރެއިން ކަމަށް ދެ ފަންނާނުން ވެސް ބުނެފައިވެ އެވެ.

ނަމަވެސް ހުރިހާ ކަމެއް ރަނގަޅަށް ދަނިކޮށް މުޅި ބޮލީވުޑް ސިއްސުވައިލީ އެ ދެމީހުންގެ އެންގޭޖުމެންޓް ރޫޅާލި ހިސާބުންނެވެ. އެކަމުގެ ސަބަބު އޭރު ދެ އާއިލާއިން ވެސް ސިއްރުކުރި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެ ދެމީހުންނަށް ރުޅިވާން ޖެހުނީ ވަރަށް ގިނަ ސަބަބުތަކަކާ ގުޅިގެންނެވެ. ނަމަވެސް އަބީޝޭކާއި ކަރިޝްމާގެ ލޯބީގެ ގުޅުން ނިމުމަކަށް އައުމުގައި އެދެފަންނާނުންގެ އެއްވެސް އަތެއް ނުވެ އެވެ.

ނޫސްތަކުން ބުނާގޮތުގައި އެންގޭޖުމަންޓް އެންމެ ބޮޑަށް ގަޑުބަޑުވެގެން ދިޔައީ، ކައިވެންޏަށް ފަހު ކަރިޝްމާ، ފިލްމީ ކެރިއަރު ދޫކޮށްލަން ބައްޗަން އާއިލާއިން އެދުމުންނެވެ. މިކަމަށް ޝަރުތުކުރުމުން ބަދަލުގައި ކަރިޝްމާގެ މަންމަ ބަބީތާ ކަޕޫރް ބޭނުންވީ ކަރިޝްމާގެ ފިލްމީ ކެރިއަރު ހުއްޓިއްޖެ ނަމަ ބައްޗަން އާއިލާ ޕްރޮޕަޓީގެ ދެބައިކުޅަ އެއްބައި ކަރިޝްމާގެ ނަން މައްޗަށް ހިބަކޮށް ދިނުމަށެވެ. އަދި ކައިވެންޏަށް ފަހު އެދެމަފިރިންނަށް ބައްޗަން ވިލާއިން އެކަހެރިކޮށް ދިރިއުޅެވެން ޖެހޭނެ ކަމަށް ވެސް ބަބީތާ ޝަރުތުކޮށްފައިވެ އެވެ.

ނަމަވެސް މިކަމަށް އަބީޝޭކްގެ ބައްޕަ އަމީތާބު ބައްޗަން އާއި އޭނާގެ މަންމަ ޖަޔާ ބައްޗަން ދެކޮޅު ހެދައި އެންގޭޖުމަންޓް ރޫޅާލި އެވެ. އަދި އަބީޝޭކާއި ކަރިޝްމާ، އެދެމީހުންގެ މައިންބަފައިންނަށް ކިޔަމަންތެރި ވުމަށްޓަކައި ޖެހުނީ އެދެމީހުންގެ ފަސް އަހަރުގެ ލޯބީގެ ގުޅުން ނިމުމަކަށް ގެންނާށެވެ.

އަބީޝޭކް މިހާރު ކައިވެނިކޮށްގެން އުޅެނީ ބޮލީވުޑްގެ މަޝްހޫރުކަން ހޯދާފައިވާ އައިޝްވަރްޔާ ރާއި އާ އެވެ. އަދި ކަރިޝްމާ، ކައިވެނިކުރީ އިންޑިއާގެ މަޝްހޫރު ބިލިއަނަރު ސަންޖޭ ކަޕޫރާ އެވެ. އެހެންނަމަވެސް ކަރިޝްމާ ވަނީ ކައިވެނިކުރިތާ އެއް އަހަރު ފަހުން އެކި ސަބަބުތަކާ ގުޅިގެން އޭނާ ކައިރިން ވަރިވެފަ އެވެ.