މާލޭގައި ދޫކުރާ 211 ޕާކިން ސްލޮޓްތަކަށް އޮންލައިންކޮށް ހުށަހެޅުމަށް ހުޅުވާލި ޕޯޓަލް މެދުވެރިކޮށް މިހާތަނަށް 1،300 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފިކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި، އެކައުންސިލުން ހުޅުވާލި އޮންލައިން ޕޯޓަލް މެދުވެރިކޮށް 1،300 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިކަން ފާހަގަކޮށް ބުނީ އެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލި ސުންގަޑި އަކީ އިއްޔެ އިރުއޮއްސި 18:00 ޖެހުމާއި ހަމައަށް ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން އޮންލައިންކޮށް ޕާކިން ސްލޮޓަށް ހުށަހެޅުމަށް އަލުން ހުޅުވާލީ، މީގެ ކުރިން ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ޕޯޓަލް ބަންދުކުރުމަށް ފަހުގަ އެވެ. މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 1:00 ހާއިރު މި ޕޯޓަލް ހުޅުވުމަށް ނިންމި ނަމަވެސް އެހާއިރު ޕޯޓަލް ބަންދުކޮށްފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް އެކަމަކީ ސަރުކާރުން ކުރި ކަމެއް ކަމަށް ތުހުމަތުކުރައްވައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޓްވީޓް ކުރައްވާފައިވެ އެވެ.
މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބުނީ މި މައްސަލަ އެކައުންސިލުން ވަރަށް ގާތުން ބަލާނެކަމަށެވެ. އަދި އެއަށްފަހު ޕޯޓަލް ހުޅުވީ އިއްޔެގެ ވަގުތެއްގަ އެވެ.