ސުޕްރީމް ކޯޓުން މިމަހުގެ 8 ވަނަ ދުވަހު ނިންމަވާފައި ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތަތީ އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށް. ސުޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމި ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ޖޭއެސްސީން ބުނޭ.

މައްސަލަ ބޮޑުވެފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ސުޕްރީމް ކޯޓުން އުވާނުދިނުމުން، އެންމެ ފަހުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެން އެ ކޯޓު އުވާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ވާތީ އެ ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތުގެ ތެރެއިން އެ ކޮމިޝަނަށް ފާހަގަވިކަމަކީ އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ ހައިސިއްޔަތާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ނެރުނު ހުކުމުގައި ފައިސަލާކޮށް ނިޔާ ކަނޑައަޅުއްވާފައިވާ ކަމެވެ. އަދި ސުޕްރީމް ކޯޓުގެ ހަވާލާދެވުނު ނިޔާ ބިނާވެފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށްކަން އެ ކޮމިޝަނަށް ފާހަގަވާތީ އެ ނިންމުން މުރާޖާކޮށްދިނުމަށް ކޯޓަށް ހުށަހެޅި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މިމަހުގެ 8 ވަނަ ދުވަހު ނިންމަވާފައި ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތަތީ އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށް ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން ބުނީ ކޯޓުތަކާބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށާއި ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ. އަދި ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެވެސް ހިމެނޭ ގޮތަށް ކަމަށާއި، ހުޅުމާލެއަކީ އަދި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫންކަމާއި މާލޭގެ އަވަށްތަކެއް ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން ބުނީ މާލޭގައި ސުޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، އަދި ހަމަ މާލޭގެ އަވަށް އަވަށުގައި މެޖިސްޓްރޭޓް ކޯޓުތައް ގާއިމުކުރުމަކީ ގާނޫނާ ހިލާފުނުވެ ކުރެވޭނެ ކަމެއް ނޫންކަން، އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

ޖޭއެސްސީން ބުނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާމެދު ސުޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމި ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ 2012 ވަނަ އަހަރު ގާއިމްކުރި ކޯޓެކެވެ. ނަމަވެސް އެ ކޯޓުގެ ސައްހަކަމާއިމެދު ގާނޫނީ ބޮޑު ބަހުސެއް އަބަދުވެސް އޮވެ އެވެ.

ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2012 ވަނަ ގާއިމުކުރި ހުޅުމާލޭ ކޯޓަކީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އުފެއްދި ތަނެއް ކަމަށެވެ. އަދި ގާނޫނުގައި ނެތް ކަމެއް ގާނޫނާ އެއްގޮތަށް ނުކުރެވޭނެ ކަމަށާއި، ގާނޫނީ މިބޮޑު ފުށުއެރުން ރަނގަޅު ކުރުމަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ބަންޑާރަ ނާއިބު ވިދާޅުވި އެވެ.