ބޮލީވުޑްގައި 90ގެ އަހަރުތަކުގައި އެންމެ ވިދާލި އެއް ފަންނާނެއްގެ ގޮތުގައި ކަރިޝްމާ ކަޕޫރު ހިމެނެ އެވެ.

ލޯބީގެ ފިލްމުތަކުގައި ހިރޮއިންގެ ރޯލުތަކުން ކަރިޝްމާ ފެނިފައިވާއިރު، އެ ފިލްމުތަކުގައި އޭނާ ބޮޑަށް ފެނިފައިވަނީ ކާމިޔާބު ލޯބީގެ ރޯލުތައް ދައްކައިދޭ ފިލްމުތަކުންނެވެ.

ނަމަވެސް ފިލްމީ ފަރުދާގެ ފުރަގަހުގައި ކަރިޝްމާގެ ލޯބީގެ ހަޔާތްވެފައި ވަނީ ނާކާމިޔާބަކަށެވެ. ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މި ފަންނާނުގެ ޒަވާޖީ ހަޔާތް ނާކާމިޔާބު ވެގެންދިޔަ ސަބަބަކީ މިހާރު ވެސް ބޮލީވުޑްގައި މަތިމަތިން ދެކެވޭ ވާހަކައެކެވެ.

ކަރިޝްމާގެ އަލަތު ފިރިމީހާއަކީ އިންޑިއާގެ މަޝްހޫރު ބިލިއަނަރު ސަންޖޭ ކަޕޫރެވެ. އެ ދެމީހުން ކައިވެނި ކުރީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. ގިނަ ދުވަސްތަކެއް ވަންދެން ދެމަފިރިން ވެސް އެކީގައި އުފަލުގައި އުޅޭ ކަމަށް ދެއްކި ނަމަވެސް ކަންވީ އެއާއި މުޅިން ހިލާފަށެވެ.

އިންޑިއާގެ ރިޕޯޓުތަކުން ބުނާގޮތުގައި ސަންޖޭ ވަނީ އޭނާގެ ރަހުމަތްތެރިންނާއެކު ކަރިޝްމާ އެއްދާން ކުރުމަށް މަޖުބޫރުކުރުވާފަ އެވެ. އަދި އެކަން އެފަދައިން ކުރުމަށް ކަރިޝްމާ ދެކޮޅުހެދުމުން، އޭނާ އަށް ޖިސްމާނީ އަނިޔާ ކޮށްފައިވާ ކަމަށް ވެސް އިންޑިއާގެ ރިޕޯޓުތަކުން ބުނެފައިވެ އެވެ. ނަމަވެސް މިކަން އިތުރަށް ކުރިއަށް ނުގެންދިއުމަށް ކަރިޝްމާ ވަނީ އޭނާގެ ފިރިމީހާގެ ކައިރިން ވަކިވުމަށް ވަރިވާން ހުށަހަޅާފަ އެވެ.

ސަންޖޭއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ރައްދުދެމުން ސަންޖޭގެ އާއިލާއިން ބުނީ، ކަރިޝްމާއާ އޭނާގެ އާއިލާއިން އުޅެނީ ސަންޖޭގެ މުދަލާއި ފައިސާގެ ދަހިވެތިކަމުގައި ކަމަށެވެ. އަދި ކައިވެނި ކުރީ ވެސް އެ ބޭނުމުގައި ކަމަށް އެ މީހުން ބުނެފައިވެ އެވެ.

ނަމަވެސް ކަރިޝްމާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ކަރިޝްމާގެ އާއިލާއަކީ ފުދުންތެރިކަން ހުރި އާއިލާއެއް ކަމަށާއި، ސަންޖޭގެ މުދަލާއި ފައިސާއާ ދޭތެރޭ ވިސްނައި ފިކުރުކޮށް ނޫޅޭ ކަމަށް ކަރިޝްމާ ބުނެފައިވެ އެވެ.