ހިޔާ ފްލެޓް ސަރަހައްދުގެ ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަސައްކަތް 15 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ހުޅުމާލެ ބެލެހެއްޓުމުގެ މަސައްކަތްކުރާ އެޗްޑީސީއިން ކުރި ޓްވީޓެއްގައި ބުނީ ހިޔާ ސަރަހައްދުގެ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން ތާރުއެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ކުރިއަށް އޮތް ފަނަރަ ދުވަހުގެ ތެރޭގައި ހިޔާ ސަރަޙައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މަގު ހުޅުވައިލެވޭނެ" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ މިމަސައްކަތް ކުރަމުންދާއިރު ދިމާވެދާނެ ނުރައްކަލަކަށް އެންމެން ވެސް ސަމާލުވުމަކީ އެކޯޕަރޭޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްގެން ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު ހިޔާ ފްލެޓް ސަރަހައްދުގައި އާންމުންނަށް ޒަރޫރީ ބޭނުންތަކަށާއި، ހިތްހަމަޖެއްސުމަށް ބޭނުންވާ ތަންތަނާއި ވަސީލަތް ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.