ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަށް އުޅުނު މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހައިކޯޓުން އަމުރުކޮށްފައިވާ މީހަކު ބަންދުން ދޫކޮށްލުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނުރުހުން ފާޅުކޮށްފި އެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބޭސްފަރުވާއަށް ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ، 2020 ވަނަ އަހަރު ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުވާ ކޮށްފައިވާ ހިތަދޫ މަންދޫބުގޭ ރުޝާން އަހުމަދުދީދީ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން މީގެ ކުރިން ވަނީ އަމުރުކޮށްފަ އެވެ.

ހައިކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ރުޝާން ދޫކޮށްލުމަށް ނެރުނު އަމުރާ ގުޅިގެން، ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހައިކޯޓުގެ ޙުކުމެއް ދިރި އޮއްވާ، އެހުކުމް ސަސްޕެންޑުކުރުމަކީ ދަށުކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންކަމެއްނޫން ކަމަށެވެ.

"މީހަކު ދޫކޮށްލަން ބޭނުންފުޅިއްޔާ، ރަނގަޅު ސަބަބެއް ދައްކަވާންވާނެއެވެ. މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރާނަމެވެ." ޝަމީމް ވިދާޅުވި އެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ނެރުއްވާފައިވާ އަމުރުގައި ބުނެފައިވަނީ ރުޝާންގެ ބަލި ހާލަތަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ހައި ކޯޓުން ނެރެފައިވާ އަމުރު 90 ދުވަހަށް ސަސްޕެންޑުކުރާ ކަމަށެވެ. އަދި 90 ދުވަސް ވަންދެން ބޭސްފަރުވާގެ ކަންކަމަށް ރުޝާން ދޫކުރަން ހުކުމްކުރާ ކަމަށެވެ. އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކު އެވެ.

އެ ޝަރުތުތަކަކީ 90 ދުވަސް ވަންދެން މައްސަލައިގެ ހެކިވެރިންނާ މުއާމަލާތް ނުކުރުމާއި ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނިކުތުމެވެ.

ރުޝާން އަހްމަދުދީދީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2020/HC-A/216 ގަޒިއްޔާއިން ނިންމާފައިވާ ނިންމުން، މިއަދުން ފެށިގެން 90 (ނުވަދިހަ) ދުވަހަށް ސަސްޕެންޑްކޮށް، މިމުއްދަތަށް ބޭސްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަމުރުކުރާ ކަމަށެވެ.