ޖޭއެސްސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު، ޓޮމް ހުށައެޅުއްވި ދެވަނަ ބިލުވެސް ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮންނަ އެމްޑީޕީން ބޭރުކޮށްލައިފި އެވެ.

ޓޮމް ހުށައެޅުއްވި ބިލަށް ބަހުސް ކުރަން ފަށާފައިވަނީ މިދިޔަ ހަފްތާއިން ފެށިގެންނެވެ. ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވާހަކަ ދައްކާފައިވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް ކެޕްމެއިންގެ ތެރޭގައި ޖޭއެސްސީ އިސްލާހު ކުރުމާ ގުޅޭގޮތުން ދެއްކި ވާހަކަތަކާ ތަފާތު ކޮށެވެ. ކެޕްމެއިންގެ ތެރޭގައި އެންމެ އަޑު ހަރުކޮށް އެންމެ ބާރަށް ދެއްކި ވާހަކައަކީ ޖޭއެސްސީ އިސްލާހުކޮށް ސިޔާސީ ނޫފޫޒުން ޖޭއެސްސީ މިނިވަންކޮށް، ޖޭއެސްސީގެ ކޮމްޕޮސިޝަންވެސް ބަދަލު ކުރާނެ ވާހަކަ އެވެ.

ނަމަވެސް މަޖިލީހުގެ ބަހުސްގައި ގިނަ މެމްބަރުންގެ ރާގު މިހާރުވަނީ ބަދަލުވެފަ އެވެ. އެގޮތުން ބައެއް މެމްބަރުން ވިދާޅުވެފައިވަނީ ޖޭއެސްސީގައި ސިޔާސީ ފަރާތްތައް ތިބެންޖެހޭ ކަމަށެވެ. ރައްޔިތުންގެ އިހުސާސްތައް ދަންނަ ސިޔާސީ މީހަކު ޖުޑީޝަލް ސާވިސް ކޮމިޝަންގައި އިނުމަކީ މުހިންމު ކަމެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް އަކީ ދައުލަތުގެ އެއްބާރު ކަމަށްވެފައި މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުމަކީ ނިޒާމުގެ އުނި ކަމެއް ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނެވުމަކީ އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރުވަންޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު ދޮންބިލެތް އަހްމަދު ހަލީމް ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށް، އެތަނަށް އައްޔަންކުރުމަށް އިދިކޮޅުން ނިންމާފައިވަނީ ދީނީ ޖަމާޢަތް ގެނައުމަށްކަމަށެވެ. އޭގެ ތެރޭގައިި ދޮންދޫނި ޕްރީ ސްކޫލްގެ ޓީޗަރަކާއި އެހެން ބައެއް ޓީޗަރުންވެސް ހިމެނޭކަމަށް ދޮންބިލަތް ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭނީ ގިނަ ރައްޔިތުންގެ ވިސްނުން ހުރި ގޮތެއް ބެލުމަށް ފަހުގައިކަމަށެވެ. އަދި ޖޭއެސްސީގައި މިހާރު އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނެވޭނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ކަމަށްވާތީ މިއީ ގިނަ ބަޔައެއްގެ ތާއީދު އޮންނަ ގޮތަކަށް ނޫނީ ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ. މީގެއިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބިލަށް ތާއިދު ނުކުރައްވާ ކަމަށާއި އަދި ބިލު ގެ ނިޔަތް ކިތަންމެ ރަނގަޅުވިޔަސް އެއްވެސް އިސްލާހީ ބަދަލެއް އަންނާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މި ބިލް އެޖެންޑާކޮށް ފުޅާދާއިރާއެއްގައި މެންބަރުން ބަހުސްކުރުމަށްފަހު ބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ބިލު ބަލައި ނުގަތުމަށް 46 މެންބަރުން ވޯޓު ދެއްވި އެވެ. ޖޭއެސްސީ އިސްލާހު ކުރުމަށް މީގެ ކުރިން ޓޮމް ހުށައެެޅުއްވި ބިލުވެސް އެމްޑީޕީންވަނީ ބޭރުކޮށްލާފަ އެވެ.