މާލެ ސިޓީ ކައުންސިލުގެ އަހަރީ ދުވަސް ކަނޑައަޅައި، އެ ދުވަސް ފާހަގަ ކުރަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުގެ އަހަރީ ދުވަހުގެ ގޮތުގައި ޖުލައި މަހުގެ ތިން ވަނަ ދުވަސް ކަނޑައެޅީ މިއަދު ބޭއްވި، އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 41 ވަނަ ރަސްމީ އާންމު ޖަލްސާގައި އެވެ. އެގޮތަށް ފާސްކޮށްފައިވާ މިއަދުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މާލޭގެ އެހެން މުއައްސަސާތަކެކޭ އެއްގޮތަށް، ސިޓީ ކައުންސިލުން ވެސް އަހަރީ ދުވަހެއް ފާހަގަކުރުން މުހިންމު ކަމަށް ކައުންސިލް މެންބަރުން އެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އަހަރީ ދުވަހެއް ރަސްމީކޮށް ކަނޑައެޅުމަށް މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ، މާލެއަށް ސިޓީއެއްގެ މަގާމު ލިބުމުގެ ކުރިން މާލޭގެ އިޖުތިމާއީ ބެލެނިވެރިޔަކީ މާލޭ މުނިސިޕަލްޓީ ކަމަށް ވެފައި، މާލެ ސިޓީއަކަށް ބަދަލުވެ، އޭގެ ފަހުން ނިޒާމަށް އައި ބަދަލުތަކުގައި މިހާރު އެ ދައުރު އަދާކުރަނީ މާލެ ސިޓީ ކައުންސިލް ކަމަށް ވާތީ ކަމުގައި އެ ކައުންސިލުން މައުލޫމާތު ދީފައިވެ އެވެ.

އަހަރީ ދުވަހުގެ ގޮތުގައި ޖުލައި ތިނެއް ފާހަގަކުރަން ސިޓީ ކައުންސިލުން ނިންމީ ޖުލައި 1، 1956 ގައި ފާސްކުރި ބިލްގެ ދަށުން، އޭރުގެ ރަސްގެފާން މުހައްމަދު ފަރީދު ދީދީގެ ފަތްކޮޅަކުން ޖުލައި 3، 1956 ގައި "މުނިސިޕަލްޓީ"ގެ ނަމުގައި މިހާރުގެ މާލެ ސިޓީ ކައުންސިލް އުފައްދަވާފައިވާތީ އެވެ. އެ ދުވަސް ފާހަގަކުރާނަމަ މާލެ ސިޓީ ކައުންސިލުން މިއަހަރު ފާހަގަކުރާނީ 67 ވަނަ އަހަރީ ދުވަހެވެ.

މާލެ ސިޓީ ކައުންސިލްގެ ނަމުގައި އުފެއްދެވި އިދާރާގެ ދަށުން މާލޭގެ ފުރަތަމަ މޭޔަރަކަށް އިންތިހާބުކޮށްފައިވަނީ ސަރަނގު އާދަމް މަނިކު އެވެ.