ކައިވެނީގެ ދުވަހަކީ ކޮންމެ މީހަކަށް ވެސް ހާއްސަ ދުވަހެކެވެ. އެ ދުވަހަކަށްޓަކައި އެތައް ހުވަފެންތަކެއް ދުށް ގިނަ މަންޒަރު ތަކެއް ކުރެހި ދުވަހެކެވެ.
ނަމަވެސް ޔޫކްރެއިންގެ ދެ ލޯބިވެރިން ކަމަށްވާ ޔަރީނާ އަރެވާ އާއި ސްވަޓޮސްލަވް ފާސިން ކައިވެނިކުރަން ޖެހުނީ އެ ދެމީހުން ދުވަހަކު ވެސް ހީކުރި ގޮތަކަށް ނޫނެވެ.
ޔޫކްރެއިންގެ ރައްޔިތުންނަށް ބުރާސްފަތި ދުވަހުގެ އިރު އަރައިގެން އައީ ބިރުވެރިކަމާއި ނާމާންކަމާއެކީގަ އެވެ. ބަޑިއާއި މިސައިލްތަކުގެ އަޑުން މުޅި ޖައްވު ވަނީ ގުގުމާލާފަ އެވެ.
މި ބިރުވެރިކަމާއި ހަލަބޮލި ކަމުގެ ތެރެއިން ޔަރީނާއާއި ސްވަޓޮސްލަވް ގަސްދުކުރީ އެ މީހުންގެ ގުޅުމަށް ނަމެއް ދޭށެވެ. މާދަމާ ވާނެ ގޮތެއް ނޭނގޭތީ އެ ދެމީހުންގެ ގުޅުން ކައިވެނީގެ ގޮށުން ބަންނާށެވެ.
"އަހަރެން ބޭނުންވީ މަރުވުމުގެ ކުރިން އެކުވާން. މާދަމާ ވާނެ ގޮތެއް އެއްގޮތަކަށް ވެސް ނޭނގޭ،" ޔަރީނާ ބުންޏެވެ.
ޔަރީނާ އިތުރަށް ބުނީ ސެއިންޓް މައިކަލްސް މޮނަސްޓްރީގައި އެ ދެމީހުން ކައިވެނި ކުރަމުން ދިޔަ ވަގުތު ވެސް މިސައިލްތަކުގެ އަޑާއި އެއާ ސައިރަންގެ އަޑު އިވެމުން ދިޔަ ކަމަށެވެ.
"މިއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސް. އެކަމަކު ބޭރަށް ނުކުތުމުން އެ އުފާވެރިކަން ގެއްލިގެން ދޭ. ޕުޓިން އަހަރުމެންގެ ހުވަފެންތައް ފުނޑު ފުނޑު ކޮށްލައިފި،" ޔަރީނާ ބުންޏެވެ.
މި ދެމަފިރިން ކުރިން ކައިވެނި ކުރަން ހަމަޖެހިފައި އޮތީ އަންނަ މެއި މަހުގެ ހަވަނަ ދުވަހު ކީވްގެ އައްސޭރި ފަށުގައި ހުންނަ ރެސްޓޯރެންޓެއްގެ ޓެރަސްމަތީގަ އެވެ. އަލަތު ކައިވެންޏަށް ދެކެމުން އައި ހުވަފެންތައް ދޫކޮށްލައި ކައިވެނި އަވަސްކުރަން ދެ މީހުން ނިންމީ ފުރާނައަށް ނުރައްކާވާ ހިސާބަށް އެ ގައުމުގެ މަޝްރަހު ދިއުމުންނެވެ.
ކައިވެނި ކުރުމަށްފަހު ދެމަފިރިން ވަނީ ހަނގުރާމައިގައި ހަރަކާތްތެރިވަމުން ދިޔަ އަސްކަރިއްޔާއަށް އެހީވުމަށް ލޯކަލް ޑިފެންސް ސެންޓަރަށް ގޮސް ގައުމީ ހިދުމަތުގައި ޝާމިލްވެފަ އެވެ.