މިއަދުގެ ހިތި ހަގީގަތަކީ ޔުކްރޭނަށް ރަޝިޔާ އިން ހަމަލާ ދީފި ކަމެވެ. ޔުކްރޭން ހިފުމަށް ހަ ފަރާތުން ހަމަލާ ދެމުންދާ ކަމެވެ.
ޔުކްރޭނުގެ ބޮޑު ބައެއް ރަޝިޔާ ސިފައިންގެ ބެލުމުގެ ދަށަށް ގޮސްފައިވާ ކަމެވެ. މިހާރު ކުރިޔަށްދާ ގޮތަށް ހަނގުރާމަ ކުރިޔަށް ދާނަމަ މުޅި ޔުކްރޭން އެއްކޮށް ހިފަން ރަޝިޔާ މާގިނަ ވަގުތެއް ނުނަގާނެ އެވެ. ހަމަ އެއާއެކު ދުނިޔެއަށް ހާމަވެގެންދާ އަނެއް ހަގީގަތަކީ ގައުމުގެ ދިފާއުގައި ޔުކްރޭނުން ހަނގުރާމަ ކުރަނީ އެކަނި މާ އެކަނި ކަމެވެ.
އެ މީހުން އެކަނި ހަނގުރާމަކުރަން ދޫކޮށްނުލާނެ ކަމަށާއި ޔުކުރޭނަށް ހަމަލާ ދިނުމަކީ ޔޫރަޕަށް ހަމަލާ ދިނުން ކަމަށް ބުނަމުން ގެންދިޔަ މީހުންގެ ފަރާތުން އެއްވެސް ކަހަލަ އަމަލީ ހަރަކާތެއް ނުފެނުނު ކަމެވެ. ހަނގުރާމަ ފެށެން މެދުވެރިވީ ވެސް ނޭޓޯ އާއި އީޔޫ އިން ރަޝިޔާ އާ ދެކޮޅަށް ދެމުން ގެންދިޔަ ބަހުގެ ހަމަލާތަކުގެ ސަބަބުން ކަމަށްވާއިރު އެ ދެ ޖަމާއަތުން މިއަދު ވެސް ދައްކަނީ ހުސް ވާހަކަކަމެވެ.
ރަޝިޔާއިން ޔުކްރޭން ހިފަން ހިނގި މަގު
ރަޝިޔާ އިން ޔުކްރޭނަށް އަރައިގަތީ ދުނިޔެއަށް ސިއްރުން ކުއްލިއަކަށް ނޫނެވެ. 2014 ވަނަ އަހަރު ޔޫކްރެއިންގެ އޭރުގެ ރައީސް ވިކްޓަ ޔަނުކޮވިޗް ޔުކްރޭން އީޔޫ އާ ގުޅުމަށް ބޭނުންވާ ރަސްމީ ކަރުދާސްތަކުގައި ސޮއިކުރަން ދެކޮޅު ހެދި ހިސާބުން ގައުމުގައި އުފެދުނު ހަމަ ނުޖެހުމާއެކު ރަޝިޔާއިން ޔުކްރޭން ހިފުމުގެ މަރުހަލާތައް އޮތީ ފެށިފަ އެވެ.
އީޔޫއަށް ތާއީދުކުރާ މީހުން ގައުމުގެ މަގުތަކަށް ނުކުމެ ގެނައި އިންގިލާބުގައި ރައީސް ޔަނުކްވިޗް މަގާމުން ދުރުކޮށް މިހާރުގެ ރައީސް ވެރިކަމަށް ގެނައި ހިސާބުން ފެށިގެން ޔުކްރެއިނާއި ރަޝިޔާ އޮތީ ހަނގުރާމައިގެ ހާލަތެއްގަ އެވެ. އެއްކޮޅުން މިހާރުގެ ރައީސް ގެންދެވީ ނޭޓޯ އާއި އީޔޫ އާ ޔުކްރެއިން ކައިރިކޮށް ރަޝިޔާ އާ ދެކޮޅު ސިޔާސަތު ގައުމުގައި ހިންގަވަމުންނެވެ.
އަނެއްކޮޅުން ރަޝިޔާއަށް ތާއީދުކުރާ ރައްޔިތުން ގައުމުގެ އެކި ހިސާބުތަކުގައި ގެންދިޔައީ ވަކި ވެގަތުމުގެ ހަރަކާތްތަކެއް ހިންގަމުންނެވެ. މިހަރަކާތުގައި ޔުކްރޭނުގެ މައިގަނޑު ސަރަހައްދެއް ކަމަށްވާ ކްރައިމިއާ އެ ގައުމާ ވަކިވެ، ރަޝިޔާ އާ ގުޅުނެވެ. ކްރައިމިއާ ރަސްމީކޮށް ރަޝިޔާގެ ބައެއް ކަމަށް ރަޝިޔާގެ ހަމަޖެއްސުމުގެ ކަރުދާހުގައި ޕުޓިން ސޮއި ކުރީ 2021 ވަނަ އަހަރުގަ އެވެ.
އޭރު ވެސް ޔުކުރޭންގެ އެހެން ބައެއް ސަރަހައްދުތަކުގައި ވަކިވެގަތުމުގެ ހަރަކާތްތައް އައީ ހިނގަމުންނެވެ. ސަރުކާރާ އެފަރާތްތަކާ ދެމެދު ހަމަލާތައް އައީ ބަދަލު ކުރެވެމުންނެވެ. މިހުރިހާ ހަރަކާތެއްގެ ވެސް ދެ ފަރާތެއް އޮތެވެ. އެއްފަރާތަކީ ނޭޓޯ އާއި އީޔޫ އެވެ. އަނެއް ފަރާތަކީ ރަޝިޔާ އެވެ. ޔުކްރޭން އޮތީ މެދުގައި ތާށިވެފަ އެވެ. ވަކިވެގަތުމަށް މަސައްކަތް ކުރާ މީހުންނަށް ރަޝިޔާއިން އެހީވާކަމީ ހަގީގަތެކެވެ. ހަމަ އެއާއެކު ރަޝިޔާ އާ ދެކޮޅަށް ތެދުވުމަށް ޔުކްރޭންގެ ސަރުކާރަށް ނޭޓޯ އާއި އީޔޫ އިން އައީ ހިތްވަރު ދެމުންނެވެ.
ޔުކްރޭން ހަނގުރާމަ އާއި ނޭޓޯ
ދެވަނަ ބޮޑު ހަނގުރާމަ ނިމިގެން ދިޔައީ ދުނިޔެ ދެބަޔަކަށް ބެހިގެންނެވެ. ދުނިޔޭގައި ގަދަ ދެބާރު އޮތްކަން އެންމެނަށް ހާމަވެގެންނެވެ. އެއީ އެމެރިކާ އާއި ރަޝިޔާ އެވެ. ދުނިޔޭގެ ދެ ސުޕަރު ޕަވަރެވެ. މި ދެ ގައުމުގެ ފަހަތުގައި ޔޫރަޕް އޮތީ ދެބަޔަކަށް ބެހިފަ އެވެ. އެއީ އިރުމަތީ ޔޫރަޕާއި ހުޅަނގު ޔޫރަޕެވެ. އިރުމަތީ ޔޫރަޕްގެ ގިނަ ގައުމުތަކެއް އެއްކޮށްގެން ރަޝިޔާއިން އޭރު އުފައްދާފައި އޮތް ގައުމަކީ ސޯވިއެޓް ޔޫނިއަން (ޔޫއެސްއެސްއާރު) އެވެ. ސޯވިއެޓް ޔޫނިއަން އާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އުފެއްދި ހަނގުރާމަވެރި ޖަމާއަތަކީ ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އެވެ.
މިޖަމާއަތުގައި ހިމެނެނީ ހުޅަނގު ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އާއި ތުރުކީ އެވެ. ނޭޓޯ އުފެދުމަށް ފަހު ޔޫ ސޯވިއެޓް ޔޫނިއަން އާއި ނޭޓޯ އާއި ދެމެދު ހިނގަމުން އައި ހަނގުރާމައިގެ ވާދަވެރިކަމަށް ދެވިފައިވާ ނަމަކީ ފިނި ހަގުރާމައެވެ. އެއްބަޔަކު އަނެއް ބަޔަކަށް ވުރެ ދުނިޔޭގައި ނުފޫޒު ގަދަކުރުމާއި ބާރުގަދަ ހަތިޔާރު އުފެއްދުމުގެ މި ވާދަވެރިކަން 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން އުވިދިއުމާ އެކު ނިމިދިޔަ ކަމުގެ އުންމީދު ދުނިޔެއަށް އާ ވެގެން ދިޔަ އެވެ. އެހެން ނަމަވެސް ސޯވިއެޓް ޔޫނިއަން ރޫޅި އެ ޖަމާއަތުގެ ދަށުގައި ކުރިން އޮތް ގައުމުތައް ހުޅަނގު ޔޫރަޕުން އުފައްދާފައި އޮތް އީޔޫ އާއި ނޭޓޯގެ ތެރެއަށް ވައްދަމުން ދިޔަ ދިއުން ވީ ރަޝިއާ ދެކޮޅަށް އެމެރިކާއިން ހިންގަމުންގެންދާ ހަރަކާތްތައް އިތުރަށް ފުޅާކުރުން ކަމުގަ އެވެ.
ރަޝިޔާއިން ދެކޭ ގޮތުގައި ނޭޓޯއިން އިރުމަތީ ޔޫރަޕުގެ ގައުމުތައް ކަމަށްވާ ޕޮލެންޑާއި ރޯމޭނިޔާ އާއި ހަންގޭރީ ފަދަ ގައުމުތައް ނޭޓޯއަށް ވައްދައި އެ ގައުމުތަކުގެ ބޯޑަރުގައި އެމެރިކާގެ ސިފައިންނާއި މިސައިލްތައް ރަޝީޔާއަށް އަމާޒުކޮށް ޖަމާކުރަމުން ގެންދިއުމަކީ އެ މީހުންގެ ސަލާމަތަށް އޮތް ނުރައްކަލެވެ.
ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން ޔުކްރޭންގައި "ރަތްރޮނގެއް" އަޅައި އެ ރޮނގު ހުރަސް ނުކުރުމަށް ބައިޑަންއަށް އެންގީ ޔުކްރޭން ނޭޓޯއާ ގުޅުމުގެ މަރުހަލާތައް ފެށުމުންނެވެ.
ރަޝިޔާގެ ޑިމާންޑާއި ނޭޓޯގެ ބަސް
ނޭޓޯގެ ފަރާތުން ރަޝިޔާގައި އެދެމުން ދިޔައީ އެ ގައުމުގެ ނަޒަރުގައި ވަރަށް ކުޑަކުޑަ ކަމަކަށެވެ. އެއީ ނޭޓޯގެ މެމްބަރުކަން ޔުކްރޭނަށް ނުދޭނެކަމުގެ ޔަގީން ކަމެވެ. ރަޝިޔާގެ ނަޒަރުގައި މިއީ ކުޑަކަމަށް ވިޔަސް އެމެރިކާއަށް އެއީ ބޮޑު މައްސަލައެކެވެ.
އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ބުނަމުން ގެންދިޔައީ ޔުކްރޭނަކީ މިނިވަން ގައުމެއް ކަމަށެވެ. މިނިވަން ގައުމަކަށް އެ ގައުމެއް ބޭނުން ޖަމާއަތެއްގައި ބޭނުންއިރަކު ބައިވެރިވުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށެވެ.
ރަޝިޔާގެ ޑިމާންޑްތަކަށް ރައްދުދެމުން އެމެރިކާގެ ރައީސް ޖޯބައިޑަން ވިދާޅުވީ އޭނާއަށް އެއްވެސް މީހަކު ދަމާ ރަތް ރޮނގެއް ނުފެންނާނެ ކަމަށެވެ. ހަމަ އެއާއެކު ރަޝިޔާއަށް އިންޒާރު ދެމުން އޭނާ ވިދާޅުވީ ޔުކްރޭނަށް ހަމަލާދީފި ނަމަ ހީވެސް ނުކުރާ ވަރުގެ ގެއްލުން ރަޝިޔާއަށް ދޭނެ ކަމަށާއި ޔުކްރޭން އެކަނި ހަނގުރާމަކުރަން ދޫކޮށް ނުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރަޝިޔާގެ ހަމަލާ
ޔުކްރޭންގެ ބޯޑަރާ ކައިރި އަށް 150،000 ސިފައިން ފުރިހަމަ ހަތިޔާރުތަކާއެކު ޖަމާކޮށް ހަނގުރާމައިގެ ތައްޔާރީތައް ފެށީ އެންމެނަށް ފެންނާނެ ހެން ފާޅުގަ އެވެ. ރަޝިޔާއިން ހަމަލަ ދޭނެ ގޮތާއި އެ ގައުމުގެ ސްޓްރެޓޭޖީތައް ބަރާބަރަށް އެނގޭ ކަމަށް ޕެންޓަގަނުން އައީ ދުވާލަކު އެއްފަހަރު ބުނަމުންނެވެ. ރަޝިޔާ އާއި ނޭޓޯ އާއި އީޔޫ އާއި އެމެރިކާ ސީދާ ވާހަކަދެއްކުމުގެ އެތައް ބުރެއް ބޭއްވި އެވެ. ވާހަކަތައް ކޮޅެއްގައި ނުޖެހި އެންމެ ފަހުން ރަޝިޔާއިން މިވަނީ ޔުކްރޭނަށް ހަމަލާދީ އެ ގައުމު ގާތްގަނޑަކަށް ހިފައިފަ އެވެ.
ނޭޓޯ އާއި އީޔޫއިން ހެދީ ކިހިނެއް؟
ހަނގުރާމަ ފެށުމާއެކު އެ ހަނގުރާމައިގައި ހަނާވެދަނީ ޔުކުރޭނެވެ. އެމެރިކާ އާއި ނޭޓޯއިން ޔުކްރޭނަށް އެއްވެސް އެހީތެރިކަމެއް ނުދެ އެވެ. އޭގެ ބަދަލުގައި ރަޝިޔާގެ އިގުތިސާދު އިނދަ ޖައްސާލުމަށް ފިޔަވަޅު އަޅާނެ ކަމަށް އަންނަނީ ބުނަމުންނެވެ. އެގޮތުން ބައެއް ފިޔަވަޅު އަޅައިފައި ވާއިރު އެ ފިޔަވަޅުތަކުން ރަޝިޔާގެ އިގުތިސާދަށް ނޭދެވޭ އަސަރު ކުރާނެ އެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ވެސް ޔޫރަޕްގެ ގައުމުތަކަށް މިހާތަނަށް ވަނީ އެއްގަލަކަށް ނޭރިފަ އެވެ. އިނގިރޭސިވިލާތުން ހުށަހެޅި އިންޓަނޭޝަނަލް މަނީޓްރާންސްފަ ސިސްޓަމް (ސްވިފްޓް) އިން ރަޝިޔާ ބްލޮކްކުރުމަށް ވެސް ޖަރުމަނާއި ފްރާންސުން އެއްބަހެއް ނުވި އެވެ. ސަބަބަކީ އެފަދަ ފިޔަވަޅެއްގެ ނަތީޖާއެއްގެ ގޮތުން އެ ދެގައުމަށް ރަޝިޔާގެ ގޭސް ލިބުން ހުއްޓިދާނެކަމުގެ ބިރެވެ.
ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރާ ގޭހުގެ 30 ޕަސެންޓަކީ ރަޝިޔާގެ ގޭހެވެ. ޔޫރަޕާއި އެމެރިކާއިން އަޅާ ފިޔަވަޅުތަކުގެ ބަދަލުގައި ރަޝިޔާއިން ވެސް އަންނަނީ ފިޔަވަޅު އަޅަމުންނެވެ. ރަޝިޔާގެ ގައުމީ އެއާލައިން އޭރޯފްލޮޓް އިނގިރޭސިވިލާތުގައި ޖެއްސުން މަނާކުރުމާ ގުޅިގެން އިނގިރޭސި އެއްވެސް މަތިންދާ ބޯޓެއް ރަޝިޔާގެ ވައިގެ ސަރަހައްދަށް ވަނުން ވަނީ މަނާ ކޮށްފަ އެވެ. ނަތީޖާއެއްގެގޮތުން ކޮވިޑުގެ ސަބަބުން ބަނގުރޫޓުވާން ކައިރިވަފައި އޮތް ބްރިޓިޝް އެއާވޭސް ފަދަ ކުންފުނިތަކަށް ވަނީ އިތުރު ތަކުލީފުތަކެއް ކުރިމަތި ވެފަ އެވެ.
ޔުކްރޭންގެ ހަނގުރާމައިގެ ސިލްސިލާ ނިއުޅިގެން އައި ގޮތަށް ބަލާއިރު މިހަނގުރާމައަކީ ރަޝިޔާގެ އިގުތިސާދު ފުނޑުފުނޑު ކޮށްލުމަށް ޔޫރަޕާއި އެމެރިކާއިން ހުއްޖަތެއް ހޯދުމަށް ފަހިކުރި ހަނގުރާމައެއް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. ޔުކްރޭނަކީ އެކަމަށްޓަކައި ގުރުބާން ކޮށްލެވުނު ކަނބަޅިއެކެވެ.