ކީވް (27 ފެބްރުއަރީ) - ޔޫކްރެއިން މައްސަލާގައި ރަޝިއާއާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް ހުންނެވި ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ޔޫކްރެއިންގެ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ޒެލެންސްްކީ ވިދާޅުވެފައި ވަނީ މަޝްވަރާތަކަށް އެއްބަސްވި ނަމަވެސް ބެލަރުސްގައި މަޝްވަރާތައް ބާއްވަން ބޭނުން ނުވާ ކަމަށެވެ.
"ރަޝިއާއާ އަހަރުމެންނާ މަޝްވަރާ ކޮށްފި ނަމަ މައްސަލަ ހައްލު ވެދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުން. އެހެން ނަމަވެސް މަޝްވަރާތައް ބެލަރުސްގައި ބޭއްވުމަކީ ބަލައިގަނެވޭ ކަމެއް ނޫން،" ބަޔާނުގައިވެ އެވެ.
ބެލަރުސްއަކީ ރަޝިއާއިން ޔޫކްރެއިންއަށް އަރައި މިހާރު ކުރަމުން އަންނަ ހަނގުރާމައިގައި ރަޝިއާގެ އެންމެ ގާތް ވާގިވެރިއެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ ގައުމެކެވެ.
ބެލަރުސްއަށް އިޝާރާތް ކުރައްވަމުން ޒެލެންސްކީ ވަނީ އެގައުމަކީ އެއްވެސް ފަރާތަކަށް ބުރަ ނުވާ ގައުމެއްގެ ގޮތުގައި އޮތްނަމަ އެގައުމުގައި މަޝްވަރާތައް ކުރަން އިއުތިރާޒެއް ނެތް ކަމަށެވެ.
މީގެ ކުރިން 2014 ވަނަ އަހަރު ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހިނގި ހަމަނުޖެހުންތައް ވެސް ނިމުމަކަށް އައިސްފައި ވަނީ ބެލަރުސްގައި ބޭއްވި މަޝްވަރާތަކާއެކު ވެވުނު އެއްބަސްވުމަކުންނެވެ. -- ސީ އެން އެން