މޮސްކޯ (28 ފެބްރުއަރީ) - ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ހަމަލާ ބަދަލު ކުރުންތައް އިތުރަށް ވަރުގަދަވެ، ރައީސް ވްލަދިމީރް ޕުޓިންގެ އަމުރަށް ރަޝިއާގެ ނިއުކްލިއާ ބާރުތައް އެލާޓަށް ގެނެސްފި އެވެ.

ހަނގުރާމައިގައި މިހާތަނަށް އެތައް ސަތޭކަ ބަޔަކު މަރުވެ ގިނަ ބަޔަކަށް އަނިޔާވެފައިވާއިރު އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރު ކޮށްފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އިގްތިސާދީ އަދި އެހެނިހެން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް ރަޝިއާއިން ވަނީ އެކަމަށް ފަރުވާލެއް ނެތް ކަމަށް ބުނެފަ އެވެ.

އެއާ ޚިލާފަށް އެގައުމުން ވަނީ ހަމަލާތައް ވަރުގަދަކޮށް ޔޫކްރެއިންގެ ވެރިރަށް ކީވްއަށް އެރުމަށް އަމާޒު ހިފާފަ އެވެ. އެގޮތުން ކީވް ވަށާލައި ހުރިހާ ދިމާއަކުން މިސައިލް ހަމަލާތައް މިހާރު ވެސް ދަނީ ފޮނުވަމުންނެވެ.

ރަޝިއާއިން މި ހަނގުރާމައިގައި އެގައުމުގެ ނިއުކްލިއާ ވަސީލަތްތައް ބޭނުންކޮށްފިނަމަ ޔޫކްރެއިން ހިފައި ކޮންޓްރޯލްގެ ދަށަށް ގެނައުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ. ޔޫކްރެއިންއަކީ ރަޝިއާއާ އަޅާބަލާއިރު ނިސްބަތުން އަސްކަރީ ބާރު ކުޑަ ގައުމެކެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހަނގުރާމައިގެ ތެރެއިން ނިއުކްލިއާ ބާރުތައް ބޭނުންކުރަން ޕުޓިންގެ އަމުރެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަން ވެއްޖެ ނަމަ ރަޝިއާ ހުއްޓުވުމަށްޓަކައި ދުނިޔޭގެ ބޮޑެތި ނިއުކްލިއާ ބާރުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ހަނގުރާމައިގެ ތެރެއަށް ވަނުން ގާތް ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ. -- ބީބީސީ