ދިވެހިންގެ ހަގީގީ ތަބީއަތަކީ، ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި، ހިކުމަތްތެރިކަމާއެކީ، ހުރިހާ ގައުމުތަކާ ގުޅިގެން، އެކުވެރިކަމުގެ ރޫހެއްގައި މަސައްކަތްކުރުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، އެމްއެންޑީއެފް މެރިން ކޯރ އިން މުޅިން އަލަށް އެކުލަވާލައި، ހިންގި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް ކޮލިފިކޭޝަން ކޯސް ނިންމުމަށް ގިރިފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު މާރިޔާގެ ވާހަކަފުޅުގައި، އެކަމަނާ ވަނީ، ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ސުލްހަޔާއި އަމާންކަމަށް ލޯބިކުރާ ގައުމެއްކަން ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑުމެން ދިވެހިންގެ ގޮތަކީ، އަބަދުވެސް، އަޅުގަނޑުމެންގެ ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލާ، ހިކުމަތްތެރިކަމާއެކީ، ހުރިހާ ގައުމުތަކާ ގުޅިގެން، އެކުވެރިކަމުގެ ރޫހެއްގައި މަސައްކަތްކުރުން. މިވީހާ ތަނަށްވެސް، އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި ސިޔާދަތާ އަދި މިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން މިގޮތުގައި ކަށަވަރުކޮށް، ދަމަހައްޓަމުން އައިސްފައިވުމުގެ ސިއްރަކީ މީ. އަޅުގަނޑުމެން ދިވެހިންގެ ހަގީގީ ތަބީއަތަކީ ވެސް މިއީ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދިފާއީ ސިޔާސަތުގެ އަސްލަކީވެސް މިއީ،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

އެމްއެންޑީއެފްއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެއްވާ، ސިފައިންނަށް ތަމްރީނުގެ އިތުރު ފުރުސަތުތައް ހޯއްދަވާދެއްވާ، ސިފައިންނަށް ބޭނުންވާ ކަންކަން ވީހާވެސް ރަނގަޅަށް ކޮށްދެއްވަން ކުރައްވާ މަސައްކަތްޕުޅަށްޓަކައި، މިނިސްޓަރު މާރިޔާ ވަނީ، އެންމެހާ ސިފައިންގެ ނަމުގައި، ރައީސް ސޯލިހަށް އިހްލާސްތެރިކަމާއެކީ ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ ގުރުބާނީއަކީ އެއްވެސް ތަރާދަކުން ކިރޭ ވަރަށްވުރެ މާ ބަރު، މާ އަގުބޮޑު ގުރުބާނީއެއް ކަމާއި، އެބޭފުޅުންނަކީ ދިވެހި ގައުމީ ދިފާއީ ބާރުގެ ވަރަށް މުހިންމު ހިއްސާއެއްކަމަށެވެ. މިނިސްޓަރ މާރިޔާ އިތުރަށް ވިދާޅުވީ، ކޯސް ފުރިހަމަކުރި ސިފައިންގެ ކޮނޑުގައިވާ ޓެބާއި، މޭމަތީގައިވާ ބެޖާއި، ބޮލުގައިވާ ބެރޭއިން ރަމްޒުކޮށްދެނީ، އެމީހުންގެ ކޮނޑާއި، މެއާއި، ބޮލުގައި އެޅިފައިވާ ޒިންމާގެ މަތިވެރިކަމާއި މަސްއޫލިއްޔަތުގެ ބުރަކަން ކަމަށެވެ.

އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސްއޯޖީ) އަކީ، ސިފައިންގެ ހިންގުމުގެ އޮނިގަނޑަށް ގެންނަމުންދާ އިސްލާހީ ހެޔޮ ބަދަލުތަކުގެ ތެރެއިން، ކޮމްބެޓިންގ ޓެރަރިޒަމް އަދި ޑައިރެކްޓް އެކްޝަން އޮޕަރޭޝަންތަކަށް މެރިންކޯގެ ދަށުން އުފައްދާފައިވާ ހާއްސަ ފައުޖެކެވެ. އެސް.އޯ.ޖީން މަސައްކަތްކުރަމުންދާނީ ސްޕެޝަލް ފޯސަސްއާ ގުޅިގެންނެވެ.