ކާފުރު ތޮޅިއަކީ އަހަރުމެންގެ ކެއްކުމުގައި ވަރަށް ގިނައިން ބޭނުންކުރާ ބާވަތަކަށްވީ ނަމަވެސް ކެއުމުގައި އެއްފަރާތް ކުރެވޭ އެއްޗެކެވެ. ކެއުމުގެ ރަހަގަނޑު "ހަރާބު" ކޮށްލާތީ އެވެ. ނަމަވެސް އެއިން ލިބޭ ފައިދާތައް އެނގޭނަމަ ގައިމުވެސް އެހެންނެއް ނުހަދާނެ އެވެ.

ލޭގެ ޕްރެޝަރު ދަށްކޮށްދޭ

ކާފުރު ތޮޅީގައި އެކުލެވޭ އެންޓި އޮކްސިޑަންޓްސް މާއްދާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު އެއްވެރެއްގައި ހިފެެހެއްޓުމަށް އެހީވެދެ އެވެ. މީގެ އިތުރުން ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުކޮށްދީ ބަލިތަކުން ދުރުވުމަށް އެހީވެ އެވެ.

ހަޖަމު ކުރުމުގެ މައްސަލަތައް ހައްލު ކޮށްދޭ

ކާފުރު ތޮޅިއަކީ ހަޖަމު ކުރުމުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާ ކުރުމުގައި ޒަމާނުއްސުރެ ބޭނުންކުރާ އެއްޗެކެވެ. އެގޮތުން ބަނޑު ހަރުވުމާއި ބަނޑު ދިޔާވުމަށް ކާފުރު ތޮޅިއަކީ އޮތް ހައްލެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

އިންފެކްޝަންތަކުން ދުރުކޮށްދޭ

އެންޓި ބެކްޓީރިއަލް މާއްދާތައް ގިނަ އަދަދަކަށް އެކުލެވޭ ކާފުރު ތޮޅި ކެއުމުގައި ބޭނުން ކުރުމަކީ އިންފެކްޝަންތައް ޖެހުން ދުރުކޮށްދޭ ކަމެއް ކަމަށް މާހިރުން ބުނެ އެވެ. އެއާއެކު ކާފުރު ތޮޅީގައި ހިމެނޭ ތެލަކީ އެކި ކަހަލަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއް ކަމަށް ވެސް ހޯދިފައިވެ އެވެ.