މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނާ 1،000 ގޯތި ހިލޭ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދެފި އެވެ.

ހުޅުމާލެ އިން މާލެ ރައްޔިތުންނަށް ދެއްވާނެކަމަށް ސަރުކާރުން ބުނި ގޯތިތައް ހިލޭ ދެއްވުމަށް ރައީސަށް އެދިވަޑައިގަތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެ ކަމަށް އެދި ރައީސަށް ސިޓީއެއް ފޮނުވާފައިވާއިރު، އެ ސިޓީ ފޮނުވީ މިދިޔަ ފެބްރުއަރީ މަހު 22 ވަނަ ދުވަހު ކަމަށް ވެ އެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ދުވަހު ރައީސް ސޯލިހު ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް އެކަމުގައި ކުރިމަތިލާންޖެހިފައި އޮތް ތަކުލީފު ވަަނީ "ލާނިހާޔަތުގައި" ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، އަދި ގުޅީފަޅުން 2،000 ގޯތި ދޭނެ ކަމަށެވެ.

އޭގެ އިތުރުން ގިރާވަރު ފަޅު ހިއްކައި އެ ބިމުން ވެސް މަދުވެގެން 2،000 ގޯތި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.