ވޮޝިންޓަން (03 މާޗް) - ރަޝިއާއިން ޔޫކްރެއިންއަށް އަރަން ރާވާފައިވާ ރޭވުން ޗައިނާގައި ފެބްރުއަރީ މަހު ބޭއްވި ބެއިޖިންގް އޮލިމްޕިކްސް ނިމެންދެން ފަސްކޮށްދިނުމަށް ރަޝިއާގެ ކިބައިން ޗައިނާ އެދިފައިވާ ކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިއްޖެ އެވެ.

އެމެރިކާގެ އިންޓެލިޖެންސުން މި މައުލޫމާތު ހާމަކޮށްފައިވާއިރު ކަމާގުޅޭ މަސްދަރަކުން އިތުރަށް މައުލޫމާތު ދިން ގޮތުގައި ޗައިނާއިން މި އެދުން ހުށައަޅާފައި ވަނީ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތަށް ރަޝިއާގެ ރައީސް ވްލަމިދިރް ޕުޓިން ޗައިނާއަށް ވަޑައިގެންނެވި އިރު އެވެ.

ނަމަވެސް މި އެދުން ޗައިނާއިން ހުށައަޅާފައި ވަނީ ސީދާ ޕުޓިންއަށް ކަމެއް ރިޕޯޓުން ސާފު ނުވާއިރު މި ކަމުން ވެސް ޔޫކްރެއިން ހިފުމުގައި ޗައިނާގެ ބައިވެރިވުން އޮތް ކަން ހާމަވެގެންދާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މީގެ ކުރިން ހުޅަނގުގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު ޔޫކްރެއިން ހިފާނެ ކަމަށް ލަފާކުރީ މިދިޔަ ފެބްރުއަރީ މަހު 16ގަ އެވެ. ނަމަވެސް އެއާ ޚިލާފަށް ރަޝިއާއިން ފުރަތަމަ ހަމަލާ ދީފައި ވަނީ ވެސް ފެބުރުއަރީ މަހު 24 ވަނަ ދުވަހު އެވެ.

އޮލިމްޕިކްސް މުބާރާތުގެ ތެރެއިން ރަޝިއާއާއި ޗައިނާގެ ރައީސުންގެ މެދުގައި ބޭއްވި ބައްދަލުވުމަކަށްފަހު ދެ ގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ އެދެގައުމުގެ އެއްބައިވަންތަކަމަށް ވަކި ހައްދެއް ނޯންނާނެ ކަމަށް ބުނެ ނޭޓޯއިން އެ ޖަމާއަތަށް މެމްބަރުން އިތުރު ކުރަން އުޅުން ކުށްވެރި ކޮށްފަ އެވެ.

މި ރިޕޯޓާ ގުޅިގެން ޗައިނާއިން ބުނެފައިވަނީ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެއް ކަމަށާއި އެއީ ޗައިނާ ބަދުނާމު ކުރަން ބައެއް ގައުމުތަކުން ބޭނުންކުރާ އުކުޅެއް ކަމަށެވެ. -- ސީ އެން އެން