އަމިއްލަ ނަފްސު ދެކެ ލޯބި ވުމަކީ އުފާވެރި ދިރިއުޅުމަކަށް އޮތް ސިއްރެވެ. އެހެންކަމުން އަމިއްލަ ނަފްސަށް ކުރާ ލޯބި އިތުރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މި ލިޔުމުގައި މި ބަލާލަނީ އަމިއްލަ ނަފްސަށް ކުރާ ލޯބި އިތުރު ކުރަން ކުރެވިދާނެ ކަންތައްތަކެވެ.

ތިމާއާއި އެހެން މީހުންނާއި އަޅާ ނުކިޔުން

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެކި މީހުން ކުރިއަރާނީ އެކި ރޮނގުންނެވެ. ބައެއް ކަންކަމަކީ ކިތަންމެ ވަރަކަށް މަސައްކަތް ކުރި ކަމުގައި ވިޔަސް އެއް ބަޔަކަށް ނުކުރެވޭނެ ކަންކަމެވެ. އެހެންކަމުން އެހެން މީހުންނާއި ތިމާގެ ހަޔާތް އަޅާކިޔުން ހުއްޓާލާށެވެ. ތިބާއަށްވެސް ތަފާތު ހުނަރެއް ލިބިފައިވާނެކަން ދަންނާށެވެ. އެހެން މީހުންގެ ކާމިޔާބީތަކާއި އެއްވަރަށް ތިމާ ދަތުރު ކުރަން ނުޖެހޭނެކަން ޤަބޫލު ކުރާށެވެ. އެހެނީ ކޮންމެ މީހަކުވެސް ކާމިޔާބީއަށް ދަތުރު ކުރާނީ އެމީހެއްގެ އަމިއްލަ ދުވެލީގަ އެވެ.

ލިބިފައިވާ ކާމިޔާބީތައް މިނެ ކިޔުން

މިހާތަނަށް ލިބިފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލުމުން އަމިއްލަ ނަފްސާމެދު ދެކެވޭ ގޮތް ބަދަލުވެއެވެ. ތިމާއަށްވެސް ލަނޑުދަނޑިތަކެއް ކަނޑައަޅައި އެ ލަނޑުދަނޑިތައް ޙާޞިލް ކުރެވޭނެ ކަމުގެ އިޙްސާސް ކުރެވެ އެވެ. އެހެންކަމުން ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން އެދުވަހު ތިމާއަށް ކުރެވުނު ކަންކަމާއި ވެދު ވިސްނާލާށެވެ. ހާސިލް ކުރެވުނު ކުދި ކުދި ކަންކަމާއި މެދު ފަޚުރުވެރިވާށެވެ.

ނާކާމިޔާބީ އާއިމެދު ދެކޭގޮތް ބަދަލު ކުރުން

ނާކާމިޔާބީއަކީވެސް ހަޔާތުގެ ހިއްސާއެކެވެ. ކަމެއް ކާމިޔާބު ވާނީ އެތައް ފަހަރަކު ނާކާމިޔާބު ވުމަށް ފަހުގައެވެ. އެހެނީ ކަމެއްގައި ހާސްފަހަރު ނާކާމިޔާބުވެމެ މޮޅު އީޖާދުތައް ޙާޞިލް ކޮށްފައި ތިބި ސައިންސްވެރިން ދުނިޔޭގެ ތާރީޚުން ފެންނަން އެބަ ހުއްޓެވެ. ހިތްވަރު އެލުވާނުލާށެވެ. ނާކާމިޔާބަކީ އުނގެނުމުގެ ފުރުސަތެއް ކަމުގައި ދެކޭށެވެ. ލިބޭ ނާކާމިޔާބީތަކުން ފިލާވަޅު ލިބިގަނެ ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅު ކުރުމަށް އިސްކަން ދޭށެވެ.

އެހީއަށް އެދެން ފަސް ނުޖެހުން

ކޮންމެ މީހަކީވެސް ދިރިއުޅުމުގައި އެހެން މީހުންގެ އެހީ ބޭނުންވާނެ މީހެކެވެ. ކަންކަމުގައި މީހުންގެ ލަފައާއި ތަޖުރިބާ ހޯދާށެވެ. އެއީ ތިމާގެ އަގު ވެއްޓޭނެ ކަމެއް ނޫންކަން ދަންނާށެވެ. ކަންކަން އުނދަގޫވެ ނަފްސަށް ބުރަވާހެން ހީވާނަމަ ސިއްޙީ މާހިރެއްގެ އެހީ ހޯދުމަށް ފަސް ނުޖެހޭށެވެ. އެއީ ސިކުނޑިއަށް ލުއި ލިބި ކަންކަމުގައި މަގު ފެންނަން ފަށާނެ ކަމެކެވެ.