ބްރުސެލްސް (05 މާޗް) - ޔޫކްރެއިންގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭ ގޮތަށް "ނޯ ފްލައި ޒޯން"އެއް ކަނޑައަޅައި ދިނުމަށް ޔޫކްރެއިންއިން ނޭޓޯގައި އެދުނު އެދުމަށް އެ ޖަމިއްޔާއިން ދެކޮޅު ހަދައިފި އެވެ.

ނޭޓޯގެ ސެކެޓްރަރީ ޖެނެރަލް ޖެންސް ސްޓޮލްޓަންބާގް ވިދާޅުވީ ޔޫކްރެއިންގެ ވައިގެ ސަރަހައްދު ބަންދު ކުރެވޭނެ ހަމައެކަނި ގޮތަކީ ނޭޓޯ މެމްބަރު ގައުމުތަކުގެ އަސްކަރީ އުޅަނދުތައް އެ ސަރަހައްދަށް ފޮނުވުން ކަމަށާއި އެގޮތަށް ކަންކޮށްފި ނަމަ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމަށެވެ.

"އެކަން ކުރެވޭނީ އަސްކަރީ ވައިގެ އުޅަނދުތައް ފޮނުވައިގެން. އެކަމުން ކުރިމަތިވެދާނެ ހިތާމަވެރި ނަތީޖާއަށް ބަލައި މި އުނދަގޫ ނިންމުން މި ނިންމީ،" ސްޓޮލްޓަންބާގް ވިދާޅުވި އެވެ.

ނޭޓޯއިން މި ނިންމުން ނިންމާފައިވަނީ މިހާރު ކުރިއަށްދާ ހަނގުރާމައިގައި ޔޫކްރެއިންއަށް އެހީވެދިނުމަށް އެގައުމުގެ ސަރުކާރުން ނޭޓޯއާއި އެމެރިކާގެ ކިބައިން ތަކުރާރުކޮށް އެދިފައިވަނިކޮށެވެ.

ޔޫކްރެއިންގެ ފޮރިން މިނިސްޓަރު މީތުރޯ ކުލެބޯ ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވަގުތު ފާއިތު ނުވަނީސް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި ޔޫކްރެއިންއަކީ ދެވަނަ ސީރިއާއަށް ވިޔަ ނުދިނުމަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ.

" އަހަރުމެން މިތިބީ ރަޝިއާއާ ކުރިމަތިލާން ތައްޔާރަށް، ބޭނުންވަނީ ބައިވެރިންގެ އެހީތެރިކަން،" އޭނާގެ ޓްވީޓްގައިވެ އެވެ.

ހަނގުރާމައާއެކު ނޭޓޯގެ މެމްބަރު ގައުމުތަކުން ވަނީ ގިނަ އަދަދެއްގެ ސިފައިން އިރުމަތީ ޔޫރަޕަށް ފޮނުވައި ނޭޓޯގެ މެމްބަރު ގައުމުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފަ އެވެ.

ސްޓޮލްޓަންބާގް އިތުރަށް ވިދާޅުވީ ނޭޓޯގެ މެމްބަރު ގައުމުތަކުގެ ސަރަހައްދު ރައްކާތެރި ކުރަން އެޖަމާއަތުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި އެ ޖަމާއަތުގެ މަގުސަދަކީ މެމްބަރު ގައުމުތަކުގެ ރައްކާތެރިކަން ކަމަށެވެ.

"އަހަރުމެންނަކީ މި ހަނގުރާމައިގެ ބައެއް ނޫން. އަހަރުމެންގެ ޒިންމާއަކީ މި ހަނގުރާމައިގެ ސަބަބުން ނޭޓޯގެ މެމްބަރު ގައުމުތަކުގެ ސަލާމަތަށް ނުރައްކާވިޔަ ނުދިނުން" ސްޓޮލްޓަންބާގް ވިދާޅުވި އެވެ.

ހަނގުރާމައިގައި މިހާތަނަށް އެއްވެސް ގައުމަކުން ޔޫކްރެއިންއަށް އަމަލީ އެހީ ފޮނުވާފައި ނުވާއިރު ގިނަ ގައުމުތަކުން ދަނީ ހަނގުރާމަ ހުއްޓުވުގެ ނަމުގައި ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. -- އަލް އަރަބިއްޔާ