އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިޚާބުގައި، ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ވޯޓު އެއްވަރުވެ އަލުން މިއަދު ބޭއްވި އިންތިޚާބު 13 ވޯޓުގެ ތަފާތަކުން ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކާމިޔާބު ކުރައްވައިފި އެވެ.
ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބާ ވާދަކުރައްވައި އޭނާ މިއިންތިޚާބު ކާމިޔަބު ކުރެއްވީ މިއަދު މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކުރިއަށް ދިޔަ މިވޯޓުގައި 38 ވޯޓުންނެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ޖުމުލަ އަދަދަކީ 65 މެމްބަރުންނެވެ.
މި އިންތިޚާބުގައި ވާދަކުރެއްވި އިލްޔާސްއަށް ލިބިވަޑައިގަތީ 25 ވޯޓެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިޚާބުގައި، އާލީ އާޒިމްއާއި ވާދަކޮށް އެމްޑީޕީގެ ޕީޖީ ލީޑަރުކަން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވެސް ވަނީ ކާމިޔާބުކުރައްވާފަ އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ އިންތިޚާބު އަސްލަމް ކާމިޔާބު ކުރައްވާފައި ވަނީ ޕީޖީ ގުރޫޕުގެ 40 މެމްބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ. އަސްލަމްއާއި ވާދަކުރެއްވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ. ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ހޮވިފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ.