ދިރާގުން އަންހެނުން އިތުރަށް ބާރުވެރިކުރުމަށް ކުންފުނީގެ އައު އެކްޝަން ޕްލޭން ތައާރަފުކޮށްފި އެވެ.
ދިރާގުން އަންހެނުން ބާރުވެރި ކުރުވަން އާ އެކްޝަން ޕްލޭން ތައާރަފުކުރަން ނިންމާފައިވާކަން އިއުލާނުކުރީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު މިއަދު އެ ކުންފުނީގެ އަންހެން މުވައްޒަފުންނާ ބައްދަލުކުރައްވަ އެވެ.
ޖެންޑާ އެކްޝަން ޕްލޭންގައި ހިމެނެނީ މައިގަނޑު ތިން ދާއިރާއެކެވެ. އެއީ ވަޒީފާގެ ފުރުސަތު، ކެރިއާ އިން ޓެކްނިކަލް ފީލްޑްސް އަދި މަސައްކަތުގެ މާހައުލު ކުރިއެރުވުމެވެ.
ދިރާގުން ބުނީ އެ ކުންފުނި އޮތީ ދެމެހެއްޓެނިވި މާދަމާއަކަށް އަމާޒުކޮށްގެން ޖެންޑާ އެކްޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރަން ދިރާގުގެ ސީއީއޯ މުވައްޒަފުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ ކުންފުނީގައި އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޓެކްނިކަލް ވަޒީފާތަކުގައި ވެސް އަންހެނުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގައި އަންހެން މުވައްޒަފުންނަށް އެކަށީގެންވާ މާހައުލެއް އަބަދުވެސް އޮންނާނެ ކަމުގައި ވެސް އިސްމާއިލް ވިދާޅުވި އެވެ. އަދި އެކުންފުނިން ފޯކަސް ކުރާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް މުވައްޒަފުންނާ ވެސް ހިއްސާ ކޮށްފައިވެ އެވެ.
އެ ގޮތުން މަސައްކަތްކުރާނެ ފަސޭހަތަކެއް ފަހިކޮށްދިނުމާއި ޓެކްނިކަލް ރޯލުތަކުގައި ތަމްސީލުކުރުމާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގައި އަދި މެނޭޖީރިއަލް ރޯލުތަކުގައި ތަމްސީލުކުރުން ހިމެނެ އެވެ.
މި ދުވަހާ ގުޅިގެން ރޭވިފައިވާ ހަރަކާތްތަކުގެ ތެރެއިން، ވަޒީފާ އަދާކުރާ ހުރިހާ މައިންނަށް ވެސް އެ މީހުންގެ ދަރިން ގެނެއުމަށް ދައުވަތު ދިނެވެ. އަދި އެ ކުދިންނަށް އެ މީހުން ކުރާ މަސައްކަތް ދައްކާލައި، ޓުއާއެއްދީ އެ މީހުން ގެންގޮސް، އެހެން އެކުވެރިންނާ ބައްދަލުކޮށް، މުނިފޫހިފިލުވުމުގެ ގޭމްތައް ކުޅެ، އެކުގައި ދުވަސް ފާހަގަކުރުމުގެ ފުރުސަތު ވެސް އެ ކުންފުނިން ދީފައިވެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގައި ގިނަ އަދަދެއްގެ އަންހެން މުވައްްޒަފުންތަކެއް މަސައްކަތް ކުރެ އެވެ. އެ ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ބޭނުންވާ ފުރިހަމަ ހިދުމަތް ލިބެން ހުރެ އެވެ. އެ ކުންފުނީގައި 2020 އިން ފެށިގެން "މަދާސް ރޫމް" އެއްވެސް ހުޅުވާފައިވެ އެވެ.