މިހާރު އަހަރެމެން އެންމެން އުޅެން ޖެހިފައިވާ ބުރަ ދިރިއުޅުމާއެކު ސިއްހަތަށް ވަނީ ވަރަށް ބޮޑަށް ފަރުވާ ކުޑަކުރެވިފަ އެވެ. ހަށިގަނޑަށް ފައިދާހުރި ކަސްރަތެއްކުރަން ނުވަތަ ސިއްހަތަށް ރަނގަޅު ކާނާއެއް ކާން ވަގުތު ނުލިބޭއިރު މި ކަމުގެ ސަބަބުން މުޖުތަމައުގެ އާއްމު ސިއްހަތު ވެސް މިއަދު ވަނީ ބަލިކަށިވެފަ އެވެ.

މި ލިޔުމުގައި މި ބަލާލަނީ ބުރަ ދިރިއުޅުމެއް އުޅެމުން ވެސް އެންމެ މިނެޓަކުން ސިއްހަތަށް ހެޔޮ ބަދަލެއް ގެނެވިދާނެ ބައެއް ކަންކަމަށެވެ.

ގިނައިން ފެން ބުއިން

ފެންތައްޓެއް ބޯލަން ނަގާނީ ކިހާ އިރެއް ހެއްޔެވެ؟ އެ ކުޑަ ވަގުތުކޮޅުން ބޯލެވޭ ފެންތަށީގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިދާތައް ގިނަ ގުނަ އެވެ. މިއީ އޮފީހުގައި ވިޔަސް ނުވަތަ ގޭގައި އުޅެމުން ވިޔަސް ކުރެވިދާނެ ވަރަށް ފަސޭހަ ކަމެކެވެ.

ހަށިގަނޑު ހަރަކާތް ކުރުވުން

ގިނައިރު އެއްގޮތަކަށް ތަނެއްގައި އިށީންދެގެން އިނުމުގެ ބަދަލުގައި ދޭތެރެ ދޭތެރެއިން ތެދުވެ، ހަށިގަނޑު ދެމިލާށެވެ. އޮފީހުގައި ނުވަތަ ގޭގައި ވިޔަސް ހިނގެން އޮތް ކުޑަ ތަންކޮޅުގައި ކުޑަކޮށް ހިނގާލާށެވެ. ކަސްރަތުކުރުން ކަމުގައި ނުވިޔަސް އެކަމުން ވެސް ހަށިގަނޑަށް ފައިދާ ކުރާނެ އެވެ.

ސާފުތާހިރު ކަމަށް އިސްކަން ދިނުން

ސިއްހަތު ގޯސްވެ ބަލި ޖެހުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބަކީ ހަށިގަނޑަށް ޖަރާސީމު އެތެރެވުމެވެ. މިއަދުގެ ދިރިއުޅުމުގައި އަވަދިނެތި އުޅޭއިރު އަތްފައިގެ ސާފުތާހިރުކަމަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ. މަދު ސިކުންތު ކޮޅެއް ހުސްކޮށް އަތްފައި ދޮވެލުމަކީ ހަށިގަނޑަށް ވަންނަ އެތައް ޖަރާސީމުތަކަކަށް ހުރަސް އަޅާނެ ކަމެކެވެ.