އެމްޑީީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވަން ނިންމާފައި އޮތް ތާރީހު ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.
ޗެއާޕާސަން އިންތިޚާބު ފަސްކުރަން ފާސްކޮށްފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހަށެވެ. މިތާރީޚަށް އިންތިޚާބު ފަސްކުރުމަށް، ފާސްކުރީ އެމްޑީޕީގެ ޤައުމީ މަޖިލިސްގައި ބައިވެރިވި 100 މެމްބަރުންގެ ވޯޓުންނެވެ. ވޯޓް ނުދެއްވާ ތިއްބެވީ 15 މެންބަރުންނެވެ. ފައްޔާޒުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު (އިބްރޭ) ހުށައެޅުއްވީ 14 މެއި ގައި އިންތިހާބު ބޭއްވުމަށެވެ. އެ ހުށައެޅުމަށް ތާއީދު ކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ. މިރޭގެ ގައުމީ މަޖިލީހުގައި 115 މެންބަރުން ބައިވެރިވެވަޑައިގަތެވެ.
އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާގޮތުން އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނެވޭނީ ގައުމީ މަޖިލީހުން ފާސްކޮށްގެންނެވެ. މި ބައްދަލުވުމުގައި މި މައްސަލައިގެ ބަހުސް ހޫނުވެގެންދިޔަ އެވެ. އެގޮތުން ޗެއާޕާސަން ކަމަށް ވާދަކުރައްވާ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އިންތިހާބު ފަސް ކުރަން ޖެހޭ ކަމަށެވެ.
"މި އިންތިހާބު ބޭއްވެން ބާއްވަން ވާނީ މި ޕާޓީގެ ގިނަ މެންބަރުންނަށް ވޯޓްލެވޭނެ ގޮތަށް ރަމަޟާން މަހު ނޫން އަދި ވަގުތު ލިބިގެން އަސާސީ ގަވާއިދުގައިވާ 60 ދުވަހުގެ މުއްދަތު ލިބިގެން،" ފައްޔާޒު ވިދާޅުވި އެވެ.
ނަމަވެސް ދެން އެ މަގާމަށް ވާދަ ކުރައްވާ އިމްތިޔާޒު ވިދާޅުވީ އިންތިހާބުގެ ތާރީހު އަވަސްކުރާނަަމަ އެކަމަށް ތާއީދު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އިންތިހާބު ފަސް ކުރާކަށް. އަޅުގަނޑު އެދެނީ މީގެ ކުރީން ވެސް ކޮމެޓީން ކަނޑައެޅި ތާރީހުގައި އެއީ ރަމަޟާން މަހުގެ ދުވަހެއްކަން އެނގިތިއްބަވާ ކަނޑައެޅުއްވި ތާރީހުގައި ބޭއްވުން ނޫނިއްޔާ އަވަސްކުރާ ކަމަށް ވަނީ ވިއްޔާ އަޅުގަނޑުގެ އިއުތިރާޒެއް ނެތް. ލަސްކުރާ ކުރުމަށް އިންކާރު ކުރަން،" އިމްތިޔާޒު ވިދާޅުވި އެވެ.
މީގެ އިތުުރުން މި ބައްދަލްވުމުގައި ވަނީ އަންހެނުންގެ ރޫހުގެ ވޯޓްލާ މީހުންގެ ރަޖިސްޓްރީއެއް ނެތުމުން ޕާޓީގެ މެންބަރުންގެ ތެރެއިން ހުރިހާ އަންހެން މެންބަރުންނަށް ވޯޓް ލެވޭނެ ގޮތަށް ހަމަޖައްސައިދިނުމަށް ހުށައެޅި ހުށައެޅުން ވަނީ ފާސްކޮށްފަ އެވެ.
ރައްޔަތުންނާ ހަމަޔަށް ވޯޓް އެބަ އާދޭ ނުލިބޭނެ
މަރުހަބާ