ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލްޓުތަކުގެ ބައެއް ޓަވަރުތަކަށް ފެނުގެ ހިދުމަތް ނުލިބި އެތައް އިރެއްވެއްޖެ އެވެ.

ހިޔާ ފްލެޓްތަކުގެ ތެރެއިން 9 ވަނަ ޓަވަރާއި، 16 ވަނަ ޓަވަރުން ފެނުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ. އަދި އެ ޓަވަރުތަކަށް އިއްޔެއިން ފެށިގެން ފެން ލިބުން ދޭތެރެ ދޭތެރެއިން މެދުކެނޑެ އެވެ. އަދި މިއަދު ފަތިހުން ފެށިގެން ފެނުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.

ހިޔާ ފްލެޓެއްގައި ދިރިއުޅޭ މީހަކު ބުނީ ފެނުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެޗްޑީސީން އެކަން ރަނގަޅުކޮށް، މިއަދުގެ ހެނދުނު 10:30 ގައި ހިދުމަތް އަލުން ދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.

ނަމަވެސް ފެނުގެ ހިދުމަތް މެދުކެނޑުމުން ވެސް ހިދުމަތް ގުޅައިދިނުމަށް މަސައްކަތް ފެށީ ވަރަށް ލަހުންކަން އެ މީހުން ފާހަގަކޮށްފައިވެ އެވެ.

އެޗްޑީސީން ބުނީ ހިޔާގެ ބައެއް ޓަވަރުތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ސަމާލުކަމަށްޓަކައި އެޗްޑީސީން އަންގާފައިވެ އެވެ.

ހިޔާ ޓަވަރުތަކުގައި މީގެ ކުރިން ވެސް ފެނާއި ކަރަންޓްގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވެ އެވެ. ނަމަވެސް އެ ޓަވަރުތަކަށް ދިމާވާ މި މައްސަލަތަކަށް ދާއިމީ ހައްލެއް އެޗްޑީސީއަށް ހޯދައިދެވިފައެއް ނުވެ އެވެ.