މޮސްކޯ (09 މާޗް) - ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައި ރަޝިއާގެ އަސްކަރިއްޔާއަށް އެހީވުމަށްޓަކައި ހަނގުރާމައިގެ ތަމްރީނު ލިިބިފައިވާ ސީރިއާ މީހުން ހޯދަން ރަޝިއާއިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެމެރިކާގެ އޮޕިޝަލުންނާ ހަވާލާދީ ދަ ވޯލް ސްޓްރީޓް ޖޯނަލްގައި ބުނެފައި ވާގޮތުން 2015 ވަނަ އަހަރުން ފެށިގެން ސީރިއާގައި އޮޕަރޭޓް ކުރަމުން އަންނަ ރަޝިއާގެ މިޝަންތަކުން އަންނަނީ ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވާނެ ހަނގުރާމައިގެ އުކުޅުތައް އެނގޭ މީހުން ހޯދަމުންނެވެ.
އެގޮތުން ސީރިއާގެ ބައެއް ހަނގުރާމަވެރިން މިހާރުވެސް ރަޝިއާއަށް ގޮސް ޔޫކްރެއިންއަށް ދިއުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އެމެރިކާގެ އޮފިޝަލަކު ބުނެފައިވެ އެވެ.
ސީރިއާގެ ހަނގުރާމަވެރި ޖަމާއަތަކުން ބުނާ ގޮތުގައި ރަޝިއާއިން ވަނީ އެޖަމާއަތުގެ ހަނގުރާމަވެރިން ހަ މަސް ދުވަހުގެ މުއްދަތަށް ޔޫކްރެއިންއަށް ގޮސް ރަޝިއާގެ އަސްކަރިއްޔާގައި ހަރަކާތްތެރި ވުމަށް ކޮންމެ ހަނގުރާމަވެރިއަކަށް 200 ޑޮލަރާއި 300 ޑޮލަރުގެ އަދަދެއް ހުށައަޅާފައިވާ ކަމަށެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން މި ރިޕޯޓު ކޮށްފައި މިވަނީ ޔޫކްރެއިންއިން މެދު އިރުމަތީގެ ސިފައިން ހަނގުރާމައިގައި ބޭނުން ކުރަމުން އަންނަ ކަމަށް ރައީސް ވްލަމިދިރް ޕުޓިން ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.
ޔޫކްރެއިންއިން ވަނީ އެގައުމުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވާން ބޭނުންވާ އެހެން ގައުމުތަކުގެ ވޮލަންޓިއަރުންނަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. -- އަލް އަރަބިއްޔާ