މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ބަޖެޓް ސަރުކާރުން ހިފަހައްޓާފައިވާތީ އެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މި ކަންބޮޑުވުން ފާޅުކުރެއްވީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓުވީޓަަކާ ގުޅިގެންނެވެ.

ޝިފާ މިއަދު ކުރެއްވި ޓްވީޓެއްގައި މާލޭގެ ޕަބްލިކް ބަސް ދަތުރުތައް، ރޯޑް ޕްރޮޖެކްޓްގެ ދަށުން ރޭވިފައިވާ ގޮތަށް ނުފެށި ލަސްވަމުންދާ ކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ ބަޖެޓް ހިފެހެއްޓުމުގެ ސަބަބުން މަގުހެދުމުގެ މަސައްކަތް ހުއްޓިފައިވާތާ ހަތަރު މަސް ވެއްޖެ ކަމަށެވެ.

މުއިއްޒު ވިދާޚުވީ ބަޖެޓް ނުދީ، ރޯޑް ޕްރޮޖެކްޓް ލަސް ކުރާތީ، އެކަން އެގޮތަށް ނުކުރުމަށް އެކި މިިނިސްޓްރީތަކަށް ސިޓީން ވެސް ދަންނަވާފައިވާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގައި މިހާރު އޮންނަނީ އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލެކެވެ.

ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް އެއްބާރުލުން ނުދޭ ކަމަށާއި އެކި ކަންކަމުގައި ކައުންސިލަށް ދަތިކުރަމުންދާ ކަން ކައުންސިލުން ދަނީ ފާހަގަކުރަމުން ނެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ގިނަ ކަންކަން ސަރުކާރުން ހިފަހައްޓާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ކައުންސިލުންދަނީ ފާޅު ކުރަމުންނެވެ.