ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ކްރިޝް"ގެ ހަތަރުވަނަ ބައިގެ ޝޫޓިން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ކްރިޝް-4 ގެ ޝޫޓިންގެ މަސައްކަތް ފެށުމަށް ރިތިކް ރޯޝަން އާއި އޭނާގެ ބައްޕަ ރާކޭޝް ރޯޝަން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަންނަ ޖޫންމަހު ޝޫޓިންގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަނުން ވަނީ ބުނެފަ އެވެ.

ފިލްމުގެ ޕްރޮޑަކްޝަނުން ބުނިގޮތުގައި، ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ކޮން ފަންނާނެއް ކަމެއް އަދި ނިންމާފައެއް ނުވެ އެވެ. މި ފިލްމު ރިލީޒްކުރުމަށް ނިންމަނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް ވެސް ޕްރޮޑަކްޝަނުން ބުނެފައިވެ އެވެ.

ރިތިކް މިވަގުތު ދަނީ، ސައިފް އަލީ ޚާންއާ އެކު "ވިކްރަމް ވޭދާ"ގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ. އެއަށްފަހު ރިތިކް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދީޕިކާ ޕަޑުކޯންއާ އެކު "ފައިޓާ" ގެ ޝޫޓިންގަ އެވެ.

އެ ފިލްމުގެ ޝޫޓިން ފެށުމަށް ނިންމާފައި ވަނީ އަންނަ އޮގަސްޓް މަހުގަ އެވެ.