ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދައާ ނުލައި ހިޔާ ފްލެޓުތަކުގެ ސްޓްރަކްޗާއަށް ބަދަލު ގެންނަ މީހުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ހުއްދައާ ނުލައި ވެށިމާލެ ޕްރޮޖެކްޓްގެ ދަށުން އިމާރާތްކުރި ފްލެޓުތަކަށް ބަދަލުގެންނަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހަ ކަމެއް ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

އެޗްޑީސީގެ މި އިންޒާރު އައިރު ހިޔާ ޓަވަރެއްގެ ކޮމާޝަލް ޔުނިޓެއްގެ ތަނބެއް ތަޅާލަނިކޮށް އެޗްޑީސީން އެކަން ހުއްޓުވާފައިވެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއިން ފެންނަނީ ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ ހިޔާ ޓަވަރެއްގެ ޔުނިޓެއްގެ ތަނބު ބަޔަކު ތަޅާލުމަށް މަސައްކަތް ކުރަމުންދާ މަންޒަރެވެ. އޭރުވެސް ބުރުމާ ބޭނުންކޮށްގެން ތަނބުގެ ބޮޑު ބައި އޮތީ ހަލާކުކޮށްލާފަ އެވެ.

ހިޔާގެ ބައެއް އެޕާޓްމަންޓްތަކަށް ބޮޑެތި ބަދަލުތައް ގެންނައިރު، އެކަން މޮނިޓާކުރެވޭނެ ނިޒާމެއް އެތަނުގައި ގާއިމުކޮށްފައި ނުހުރެ އެވެ.

ހިޔާ ފްލެޓްތަކުގެ މަރާމާތުކުރުމުގެ އުސޫލުގައިވާ ގޮތުން ފްލެޓްގެ ސްޓްރަކްޗާއަަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާ ކަމެކެވެ. އަދި ކޮންކްރީޓް ޝީޓަށް އިސްކޫރެއް ނުވަތަ އެ ޒާތުގެ އެއްވެސް އެއްޗެއް ޖަހާ ނަމަ އެތެރެއަށް އެއް އިންޗިއަށް ވުރެ ފުންކޮށް ތޮރުފުން މަނާ ވާނެ އެވެ. އެކަމަކު ފްލެޓްގެ އެތެރޭގައި ޕާޓިޝަނެއް ހަރުކުރާ ނަމަ، އިމާރާތުގެ އެތެރޭގެ ވައި ދައުރުވުމަށް ހުރަސް ނޭޅޭ ގޮތަށް އަދި ޓަވަރަށް ލޯޑް ބޮޑުނުވާނެ ގޮތަށް އެކަން ކުރެވިދާނެ ކަމަށް އުސޫލުގައިވެ އެވެ.

އެޗްޑީސީއަށް ފާހަގަކުރެވިފައިވާ ބަދަލުތައް:

  • ބެލްކަނީއަށް ބަދަލު ގެނެސް، ބެލްކަނީ އިތުރަށް ފުޅާކުރުން
  • ބިންމަތީ ފްލެޓުން އިމާރާތުގެ ކުރިމައްޗަށް ދޮރެއް ހަދައި، އިމާރާތުގެ ކުރިމަތިން ފްލެޓަށް ވަދެވޭނެ ގޮތް ހެދުން
  • ފްލެޓުގެ އެތެރޭ ފާރަށް ބަދަލު ގެނެސް، އެއް ކޮޓަރި އާއި އަނެއް ކޮޓަރި ގުޅުވާލުން (މީގެ ތެރޭގައި ސިޓިން ރޫމުން ކޮމަން ފާހާނާއަށް ވަދެވޭ ގޮތަށް ދޮރު ހަރުކުރުން ވެސް ހިމެނޭ)
  • ފްލެޓުގެ އެތެރޭގައި ޑެކު އަޅައިގެން ނުވަތަ ޕާޓިޝަން ޖަހައިގެން އިތުރު ކޮޓަރި ހެދުން
  • ދެ ވަނަ ފަންގިފިލާއިން މަތީ ފަންގިފިލާތަކުގައި ސީލިން ހެދުން (އޭގެ ސަބަބުން އެ ފަންގިފިލާގެ ޝީޓުގައި ރެނދު އެޅުން ފަދަ ކަމެއް ވެއްޖެ ނަމަ އެކަން ދެނެގަންނަން ހުރަސް އެޅޭ)
  • ފްލެޓުގައި ޖަހާފައިވާ ތަށިމުށީގެ މަތިން އާ ތަށިމުށި ޖެހުން

އެޗްޑީސީން ބުނިގޮތުގައި އިމާރާތަށް މިފަދަ ބަދަލުތައް ގެނައުމަކީ ސްޓްރަކްޗާއަށް ގެއްލުން ލިބި، އިމާރާތުގެ އުމުރު ކުރުވާން މެދުވެރިވެދާނެ ކަމެކެވެ. އެގޮތުން މިފަދަ ބަދަލުތައް ގެނެސްފައިވާ ފަރާތްތަކުން، އެޗްޑީސީގެ ފެސިލިޓީސް މެނޭޖްމަންޓުގެ އިރުޝާދުގެ މަތިން އެ ބަދަލުތައް ރަނގަޅުކުރަން އެ ކުންފުނިން ވަނީ އަންގާފަ އެވެ. އަދި އެއްބަސްވުމާ ހިލާފަށް މިފަދަ ބަދަލުތައް ގެންނަ ފަރާތްތަކާ މެދު އެ ކޯޕަރޭޝަނުން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓުތައް ފަރުމާކޮށްފައިވަނީ އިމާރާތުގެ ބަރުމިން ވަކި މިންގަނޑަކަށް ފެތޭ ގޮތަކަށް ހަދާފައިވާ ލޯޑު ކަލްކިއުލޭޝަނަށް ބިނާކޮށްގެން ކަމަށާއި އެހެންކަމުން މިފަދަ ބަދަލު ގެނައުމަކީ ކަމާ ބެހޭ ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށެވެ.

އެޗްޑީސީން ބުނީ ބައެއް ފްލެޓުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން ޖެހިގެން ހުންނަ ފްލެޓަށް އެކަމުގެ އަސަރުކޮށް، ގެއްލުން ލިބެމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. މީގެ ކުރިން ވެސް ހިޔާގެ ބައެއް ފްލެޓްތަކަށް ބަދަލު ގެންނަ މައްސަލަތަކެއް ފެންމަތިވިއިރު ފްލެޓުތަކުގެ ފާރުން ބައެއް ތަންތަން ތަޅާލައި ފްލެޓުތަކުގެ ސްޓްރަކްޗާއަށް ބަދަލު ގެނައި ފަރާތްތައް ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.