މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފަ އެވެ. އޭގެ ތެރެއިން ވެސް އެގައުމުގައި ކިޔަވަމުން ދިޔަ އެހެން ގައުމުތަކުގެ ދަރިވަރުންނަކީ މި ހަނގުރާމައިގައި ބޮޑު އަސަރެއް ކުރި ބައެކެވެ.

ހަނގުރާމައާ ގުޅިގެން އެތައް މިލިއަން ބަޔަކު ޔޫކްރެއިން ދޫކޮށް ދަތުރު ކުރަމުން އަންނަ މި ދަނޑިވަޅުގައި އެމެރިކާއަށް ނިސްބަތްވާ މީހަކު މިވަނީ އޭނާގެ ދަރިފުޅާއި ކާފަ ދަރިފުޅު ސަލާމަތް ކުރަން ޔޫކްރެއިންއަށް ގޮސްފަ އެވެ.

އުމުރުން 20 އަހަރުގެ އައިސްލީން ޔޫކްރެއިންއަށް ދިޔައީ ކޮރިއޮގްރަފީ ކިޔެވުމަށްޓަކައި 2018 ވަނަ އަހަރު އެވެ. ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާދޭން އުޅީ ހަބަރު ލިބުމާއެކު އޭނާ ޔޫކްރެއިން ދޫކޮށް ދާން މަސައްކަތް ކުރި ނަމަވެސް އޭނާގެ 8 މަހުގެ ދަރިފުޅުގެ އުފަންދުވަހުގެ ސެޓްފިކެޓާއި ޕާސްޕޯޓް ނެތުމުން އެކަން ކާމިޔާބު ނުވީ އެވެ.

އެނބުރި އެމެރިކާއަށް ދާން ކުރަމުން އައި މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް ހަނގުރާމަ ފެށުނީ އެވެ. އެއާއެކު ވެރިރަށް ކީވް ކައިރީގައި ހުރި އެމީހުންގެ ގޭގައި ތާށިވީ އެވެ.

އެއާއެކު އައިސްލީންގެ ބައްޕަ ވިލިއަމްސް ހަބާޑް ވަނީ އޭނާގެ ދަރިންނަށްޓަކައި ފުރާނަ އަތް މައްޗަށް ލައިގެން ޔޫކްރެއިންއަށް ގޮސްފަ އެވެ. ވައިގެ މަގުން ޕޮލެންޑަށް ދިއުމަށްފަހު ޔޫކްރެއިންގެ ބޯޑަރު އޭނާ ހުރަސްކުރީ ފައިމަގުގަ އެވެ.

"އަހަރެން ކަންތައް ކުރީ ކޮންމެ ބައްޕައަކު ވެސް އެހާލަތުގައި ކަންތައް ކުރާނެ ގޮތަށް" ވިލިއަމްސް ބުންޏެވެ.

ޔޫކްރެއިންއަށް ވަދެ އޭނާ ވަނީ ރޭލެއްގައި ކީވްއަށް ގޮސް އާއިލާއާ ބައްދަލު ކޮށްފަ އެވެ. އަދި ފޮށި ތަންމަތި ތައްޔާރުކޮށް އައިސްލީންގެ ބައިވެރިޔާއަށް އަލްވަދާއު ކިޔައި އެތިން ބަފައިން ވަނީ ޔޫކްރެއިން ދޫކޮށް ދާން ދަތުރު ފަށާފަ އެވެ.

އެގޮތުން ވިލިއަމްސްއާއި އޭނާގެ އާއިލާ ވަނީ އެހެން ރެފިއުޖީންނާވއެކު ސްލޮވާކިއާގެ ބޯޑަރު ހުރަސްކޮށް އެ ގެއުމަށް އެތެރެ ވެފަ އެވެ.