ލިވީވް (17 މާޗް) - ޗައިނާއިން ދުވަހަކު ވެސް ޔޫކްރެއިންއަށް ހަމަލާއެއް ނުދޭނެ ކަމަށް އެ ގައުމުން ޔޫކްރެއިންއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ފޭން ޝިއާންރޮންގް ވިދާޅުވެއްޖެ އެވެ.

ލިވީވްގެ ރީޖަނަލް މިލިޓަރީ އެޑްމިނިސްޓްރޭޝަންގެ ވެރިޔާ މަކްސިމް ކޮޒިޓްސްކީއާއެކު ބޭއްވި ބައްދަލުވުމެއްގައި ފޭން ވިދާޅުވީ ޗައިނާއަކީ އަބަދުވެސް ޔޫކްރެއިންގެ އެކުވެރި ގައުމެއް ކަމަށާއި ސަފީރެއްގެ ހައިސިއްޔަތުން އެގައުމުގެ އެއްބާރުލުން ޔޫކްރެއިންއަށް ލިބޭނެކަން ޔަގީން ކޮށްދެއްވާ ކަމަށެވެ.

"ޗައިނާއިން ހަމަލާއެއް ނުދޭނެ. ޗައިނާއިން ވެދޭނީ އެހީ. ހާއްސަކޮށް އިގްތިސާދީ ދާއިރާއިން،" ފޭންއާ ހަވާލާދީ ލިވީވް ސަރަހައްދީ ސަރުކާރުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.

ފޭން އިތުރަށް ވިދާޅުވީ ޗައިނާގެ އެމްބަސީ ކީވްއިން ލިވީވްއަށް ބަދަލުކުރި ނަމަވެސް ބަންދު ނުކޮށް ލިވީވްގައި އެމްބަސީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ފޭން މިހެން ވިދާޅުވެފައި މިވަނީ ރަޝިއާއިން ޗައިނާގެ އަސްކަރީ އެހީތެރިކަމަށް އެދިފައިވާ ކަމަށް ބުނާ ރިޕޯޓުތަކެއް ދައުރު ވަމުން ދަނިކޮށެވެ.

ޗައިނާއަކީ ރަޝިއާއަށް ވާގިވެރިވާ ބޮޑު ގައުމަކަށް ވާއިރު މިހާރު ކުރިއަށްދާ ހަނގުރާމައިގައި ޗައިނާގެ ދައުރު ވަރަށް ބޮޑު ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. -- ސީއެންއެން