މެރިއުޕޯލް (20 މާޗް) - ހަނގުރާމަ ކުރިއަށްދާ މެރިއުޕޯލްގައި ހަމަލާތަކަށް ފިލަން ގިނަ ބަޔަކު ވަދެ ތިބި ސްކޫލަކަށް ރަޝިއާ ސިފައިން ހަމަލާ ދީފި އެވެ.

މެރިއުޕޯލްގެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ހަމަލާ އަމާޒުވި ސްކޫލުގައި ގާތްގަނޑަކަށް 400 އެއްހާ މީހުން ތިއްބެވެ.

ހަމަލާގައި މަރުވި މީހުންގެ އަދަދު އަދި ސާފު ނުވާއިރު ރެސްކިއު ޓީމުތަކުން ދަނީ އިމާރާތުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އާއްމުން ތިބި ސްކޫލަކަށް ރަޝިއާ ސިފައިން މިއަދު ބޮން އަޅާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ގިނަ ބަޔަކު ބޯހިޔާވަހިކަން ހޯދައިގެން ތިބި ތިއޭޓަރަށް ދިން ހަމަލާގައި ސަލާމަތްވި މީހުންގެ އަދަދުވެސް އަދި ވަނީ ނޭނގި އެވެ.

ހޮނިހިރު ދުވަހު އާއްމުވި ސެޓެލައިޓް ފޮޓޯތަކުން ތިއޭޓަރުގެ މުޅި އިމާރާތް ހަލާކުވެފައިވާ ތަން ފެންނައިރު ރަޝިއާ ބަހުން "ކުޑަ ކުދިން" ލިޔެފައިވާ ތަން ވެސް ފެނެ އެވެ.

އިދާރާތަކުން ލަފާކުރާ ގޮތުގައި ތިއޭޓަރަށް ހަމަލާ ދިން އިރު އެތަނުގައި 800 އާއި 1300 އާ ދެމެދުގެ އަދަދަކަށް މީހުން ތިއްބެވެ. – ސީ އެން އެން