ދައުލަތުގެ ޕްރޮކިއުމަންޓް ޚަރަދު ކުޑަ ކުރުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް ޕްލޭން ފިނޭންސް މިނިސްޓްރީން އާންމުކުރަން ފަށައިފި އެވެ.

ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް ޕްލޭންތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަން ފެށިއިރު މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން ބުނީ މިއީ ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް މަސައްކަތް ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެގޮތުން މިނިސްޓްރީން އާންމުކުރާ ލިސްޓުގައި އެ އިދާރާއަކަށް އެ އަހަރަކު ހޯދަން ބޭނުންވާ މުދަލާއި، އިދާރާގައި ކުރަން ޖެހޭ މަސައްކަތްތަކާއި، ކޮންސަލްޓެންސީ އަދި ކޮންސަލްޓެންސީ ނޫން މަސައްކަތް މި ޕްލޭންގެ ތެރެއިން އާންމު ކުރެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި، މިމަސައްކަތް ކުރަން ބޭނުންވާ އިދާރާއަކުން އެ މަސައްކަތް ކުރަން ބޭނުންވާ ދުވަހާއި، މަސައްކަތުގެ ކުރު ޚުލާސާއެއް ހިމެނެ އެވެ. މީގެ އިތުރުން ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ބައެއް ޕްރޮޖެކްޓުތަކުގެ ޕްރޮކިއުމަންޓް ޕްލޭން ވެސް ވަނީ އާންމުކޮށްފަ އެވެ. މިވަގުތު އާންމުކޮށްފައިވާ ލިސްޓުގައި މިނިސްޓްރީތަކާއި، ކައުންސިލްތަކާއި މިނިވަން މުޢައްސަސާތަކާއި ދައުލަތުގެ އެހެނިހެން އޮފީސްތައް ހިމެނެ އެވެ.

ދައުލަތުގެ އިދާރާތަކުން މިހާރުވެސް ކުރާ އިއުލާންތަކަށް ބައެއް ފަހަރު، އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތި ނުލުމާއި، އެކަށީގެންވާ ވަރަށް ވުރެ އަގު ބޮޑުކޮށް ބީލަން ހުށަހެޅުމުގެ މައްސަލަ ދިމާވެ އެވެ. މިފަދަ ހާލަތްތަކުގައި ދެވަނަ ފަހަރަށް އަލުން މަސައްކަތްތައް އިއުލާން ކުރަން ޖެހެ އެވެ. އަދި ބައެއް ފަހަރު ޚަރަދު ވެސް ބޮޑުވެގެންދެ އެވެ.

ނަމަވެސް ޕްރޮކިއުމަންޓް ޕްލޭން މިގޮތަށް އާންމު ކުރެވެން ފެށުމުން، މިފަދަ މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ ތައްޔާރުވެވި، މިފަދަ މަސައްކަތްތަކާއި މުދަލާއި އަދި ޚިދުމަތުގެ އަގަށް ކުރަން ޖެހޭ ޚަރަދު ބޮޑު ތަނުން ކުޑަ ކުރެވިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.