ޔަމަނުގެ އުތުރު ކޮންޓްރޯލް ކުރަމުންދާ ހޫތީ ޖަމާއަތުން، ސަންއާގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ސައުދީ އަރަބިއްޔާއިން ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ހޯމަ ދުވަހު ތުހުމަތުކޮށްފި އެވެ. އަދި މި ހަމަލާއަށް ބަދަލު ހިފާނެ ކަމަށް އެ ޖަމާއަތުން ބުނުމާއެކު، ސައުދީއާއި ހޫތީންނާ ދެމެދު އޮތް ޒަމާންވީ ހަނގުރާމައިގައި ގާއިމުކޮށްފައިވާ ސުލްހައިގެ އެއްބަސްވުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު މި ހަމަލާތައް ސިފަކުރެއްވީ ފާޅުކަން ބޮޑު އުދުވާނެއް ގެ ގޮތުގައެވެ. އަދި މި ހަމަލާއާއެކު މަސްލަހަތު ފިނިކުރުމަށް އޮތް މަރުހަލާ ނިމުމަކަށް އައިސްފައިވާ ކަމަށާއި، މީގެ ނަތީޖާއާ ސައުދީ އަރަބިއްޔާއިން ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، މި ހަމަލާއަށް ރައްދު ނުދީ ދޫކޮށްނުލާނެ ކަމަށްވެސް އޭނާ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރުގެ އޭވިއޭޝަން އިދާރާއިން ވަނީ ވަކި ގޮތެއް އަންގަންދެން މުޅި ގައުމުގެ ހުރިހާ އެއާޕޯޓުތަކެއް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ސައުދީ ސަރުކާރުގެ ކޮމިއުނިކޭޝަން އޮފީހުން މި ތުހުމަތުތަކާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ހޯމަ ދުވަހުގެ ކުރީކޮޅު ޔަމަނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، އީރާނުގެ ބޯޓެއް ޖެއްސުން ހުއްޓުވުމަށްޓަކައި ސަންއާ އެއާޕޯޓުގެ ރަންވޭއަށް އެ ގައުމުގެ އަސްކަރިއްޔާއިން ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް ފަހުން އަސްކަރީ ތަރުޖަމާނަކު ވިދާޅުވީ، އެ ބޯޓު މިހާރު ހޫތީންގެ ކޮންޓްރޯލް އޮންނަ ހުދައިދާ އެއާޕޯޓަށް ސަލާމަތްތެރިކަމާއެކު ޖައްސާފައިވާ ކަމަށެވެ.
އަދަންގައި މަރުކަޒުވެފައިވާ ޔަމަނުގެ ސަރުކާރަށް ސައުދީ އަރަބިއްޔާއާއި ގަލްފުގެ އެހެން ގައުމުތަކުގެ އެހީތެރިކަން ލިބެ އެވެ. ޔަމަނުގެ ވެރިރަށް ހޫތީންގެ ބާރުގެ ދަށަށް ގެންގޮސް، ސަރުކާރު ދެކުނަށް ފޮނުވާލި ފަހުން އެ ގައުމުގައި ދާހިލީ ހަނގުރާމައާއި ބޭރުގެ ބާރުތަކުގެ މެދުގައި ހިނގާ ކުރިމަތިލުންތަކަށް މިހާރު ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ސައުދީ އިސްވެ އޮންނަ ކޯލިޝަނާއި ހޫތީންނާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެންމެ ނުރައްކާތެރި އިންސާނީ ކާރިސާއެއް އުފެދިފައިވާއިރު، 2022 ވަނަ އަހަރު ގާއިމުކުރި ސުލްހައިގެ އެއްބަސްވުން މިހާތަނަށް ދެމިއޮތެވެ. ނަމަވެސް އިޒްރޭލާއި ގައްޒާގެ ހަނގުރާމައާ ގުޅިގެން ހޫތީން ރަތްކަނޑުގެ އުޅަނދުފަހަރަށް ހަމަލާދިނުމާއި، އީރާނުގެ މައްސަލަތަކާ ގުޅިގެން ސަރަހައްދީ މަސްލަހަތު ވަނީ ގޯސްވެފަ އެވެ.
މިދިޔަ އަހަރު ޔަމަނުގެ ދާހިލީ ހަނގުރާމަ އަލުން ހޫނުވީ، ޔޫއޭއީގެ ތާއީދު އޮންނަ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތަކުން ދެކުނުގެ ސަރަހައްދުތައް ހިފުމާ ގުޅިގެން، ހޫތީންނާ ދެކޮޅަށް އުފައްދާފައިވާ ސައުދީ ކޯލިޝަން ބައިބައިވުމާ ގުޅިގެންނެވެ.
ޔަމަނުގެ އިންފޮމޭޝަން މިނިސްޓަރު މުއައްމަރު ބިން މުތައްހަރު އަލް-އިރްޔާނީ ވިދާޅުވި ގޮތުގައި، ހޫތީން ވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އަށް ނިސްބަތްވާ ބޯޓެއް ސަންއާ އެއާޕޯޓުގައި ހިފަހައްޓައި، އޭގެ ޕައިލެޓާއި ކޯ-ޕައިލެޓް ބަންދުކޮށްފަ އެވެ.
ސަރުކާރުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ، އީރާނުގެ ބޯޓުތަކުން ޔަމަނުގެ ވައިގެ ސަރަހައްދާ ހިލާފުވަމުންދާ ދިއުން ހުއްޓުވުމަށް އީރާނަށާއި ހޫތީންނަށް ވިސްނައިދިނުމަށް ކުރި ޑިޕްލޮމެޓިކް މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި ޔަމަނުގެ ވައިގެ ސަރަހައްދަށް ވަންނަ ކޮންމެ ދުޝްމަނު އުޅަނދަކަށް ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ރައްދު ދޭނެ ކަމަށާއި، މީގެ ޒިންމާ އުފުލަންޖެހޭނީ އީރާނުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
އީރާނުން ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި