އެކި ދުވަސްވަރު މަޝްހޫރު ވާނީ އެކި ކަންކަމެވެ. އަދި ދުވަސްވަރު ބަދަލުވެގެން އަންނަ އިރު އެކި ކަންތައް ކުރާ ގޮތަށްވެސް ބަދަލު އާދެ އެވެ. އެގޮތުން މީގެ ކުރިން ކޭކާއި ފުއްޕާހަމުން ނިންމާލާ އުފަންދުވަހާއި އެހެނިހެން ހަފްލާތައް ކުރިއަށް ދާގޮތް މިވަނީ ބޮޑު ބަދަލުތަކެއް އައިސްފަ އެވެ.

"ހަބޭހަށް" ފާރެއްގައި ފުއްޕާހަމާއި އެކި ކަހަލަ ކުރެހުންތަކާއި ބޮކިފައްޗާއި މިހެން ގޮސް އެކިކަހަލަ ތަކެތި ބޭނުންކޮށްގެން ޒީނަތްތެރިކޮށް އެތާ ކައިރީ މޭޒެއް ފުރާ ކާތަކެތި ބަހައްޓަ އެވެ. ކޭކުގެ އިތުރުން ޑޯނަޓާއި ބިސްކޯދާއި ޖޫހާއި މިހެން ގޮސް ލައްކަ ސާމާނެވެ. މި މަންޒަރަށް ދާދި ފަހުން އިތުރުވެގެން ދިޔައީ ބޮޑުކޮށް ފުއްޕާފައި ހުންނަ އަކުރު ތަކާއި އުފަންދުވަސްތަކުގައި އުމުރު އަންގައިދޭ ނަންބަރުތަކެވެ. އުފަންދުވަސް ފާހަގަކުރާ އިރުވެސް ބޮޑު ހަފްލާއެއް ނުބޭއްވިޔަސް މީގެ ޑެޒާޓް ޓޭބަލްއަކުން ފުދެ އެވެ.

މި މަންޒަރު ބަދަލުވެގެން އައިސް ޕިކްނިކް ސްޓައިލަށް ބާއްވާ "ގެޓް-ޓުގެދާ" އާއި އުފަންދުވަސްތައް ފާހަގަ ކުރުން މިވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފަ އެވެ. އެގޮތުން ޕާކުތަކުގައި ބިންމަތީގައި ފޮތިގަނޑެއް އަޅައިގެން ރީތިކޮށް ކާތަކެތި އަތުރާލެވުމުން ދެން އެވީ އެވެ. ފޮޓޯ ނަގާއިރު މަލާއި ފުއްޕާހަމާއި ބޮކިފަތި އެލުވުމުން ފެށިގެން ގޮސް ތަފާތު ވައްތަރުތަކުގެ ކާނާ އެތުރުން އެމީހަކު ބޭނުންވާ ގޮތަކަށެވެ.

މިފަދަ ހަފުލާތަކާއި މުނާސަބަތުތައް ފާހަގަކުރުން ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގެ ޕާކުތަކުން ފެނެ އެވެ. އަދި ހުޅުމާލޭގެ ގޮނޑުދޮށުގައި މިކަހަލަ ސެލެބްރޭޝަންތައް ބާއްވަމުން ގެންދެ އެވެ.

ރާއްޖެއަށް މިއީ އާ ކަމަކަށްވި ނަމަވެސް ދުނިޔޭގެ އެހެން ވަރަށް ގިނަ ގައުމުތަކުގައި ޕާކުތަކަށް ޕިކްނިކް ދިއުމަކީ އާއްމުކަމެކެވެ. އެފަދަ ތަންތަނުގައި އުފަންދުވަހާއި ކައިވެނީގެ ހަފުލާތަކާއި ބްރައިޑަލް ޝަވާ އާއި ފެއާވެލް ޕާޓީތައް ވެސް ބާއްވަ އެވެ. މިހާރު ރާއްޖެއަށް ވެސް މިކަހަލަ ކަންތައްތައް މަޑުމަޑުން މިއަންނަނީ ތައާރަފްވަމުންނެވެ.