ކޮވިޑް-19 ޖެހޭ މީހުން ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރަންޖެހިދާނެ ކަމުގެ ރިސްކު ބޮޑުކަމަށް ދިރާސާތަކުން ދައްކައިފި އެވެ.

މި ދިރާސާއިން ހޯދިފައިވާ ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ 20 އިންސައްތަ މީހުން، އެ ބަލި ޖެހޭތާ 90 ދުވަހުގެ ތެރޭގައި ނަފްސާނީ މައްސަލަތައް ދިމާވާން ފަށަ އެވެ.

އެގޮތުން މި ދިރާސާގައި ބައިވެރިވި، ކޮވިޑް-19 ޖެހިފައި ރަނގަޅުވެފައި ތިބި މީހުންގެ ކިބައިން ފާހަގަވި އެންމެ އާންމު ނަފްސާނީ މައްސަލަތަކަކީ އިންސޮމްނިއާ (ނިދަން އުނދަގޫ ވުން)، އެންޒައިޓީ އަދި ޑިޕްރެޝަން އެވެ.

އޮކްސްފޯޑް ޔުނިވަސިޓީގެ މި ދިރާސާވެރިންނަށް އިތުރަށް ފާހަގަވިކަމަކީ، އެ މީހުންނަށް ޑިމެންޝިއާ އަދި ބްރެއިން އިމްޕެއަމެންޓް ފަދަ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑު ކަމެވެ.

"ކޮވިޑް-19 ޖެހޭ މީހުންނަށް ނަފްސާނީ މައްސަލަ ދިމާވެދާނީ ކަންބޮޑުވެ ހާސްވެފައި. އަހަރެމެންގެ ދިރާސާއިން މި ދެއްކި ގޮތުގައި އެއީ ވުން ވަރަށް އެކަށީގެންވާ ކަމެއް،" މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި އޮކްސްފޯޑު ޔުނިވަސިޓީގެ ޕްރޮފެސާޕޯލް ހެރިންސަން ވިދާޅުވި އެެވެ.

އޭނާ ވަނީ މި މައްސަލަތައް ދިމާވާ ސަބަބާއި، އެކަމަށް އޮތް ފަރުވާ ހޯދުމަށް ދުނިޔޭގެ ސައިންސްވެރިންނާއި ޑޮކްޓަރުންނަށް ގޮވާލާފަ އެވެ.

ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ކޮންސަލްޓެންޓް ސައިކޮލޮޖިސްޓް، މައިކަލް ބްލޫމްފީލްޑް ބުނި ގޮތުގައި މިހެން ދިމާވުމަށް މެދުވެރިވާ ކަމަށް ބެލެވެނީ މި ޕެންޑެމިކާއި ގުޅިގެން ނަފްސާނީ ގޮތުން ކުރާ އަސަރުތަކާއި އެކު ބަލި ޖެހުމުން ޖިސްމާނީ ގޮތުން ވެސް މީހާ ބަލިކަށި ކޮށްލުމުންނެވެ.